ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީގެ ރިޔާސީ ޕްރައިމަރީ މިހާރު އިއުލާން ކޮށްފައިވާއިރު، ޕްރައިމަރީގައި ވާދަކުރައްވާނޭކަން އެންމެ ފުރަތަމަ ޓުވީޓުކޮށް، އެކަން ރަސްމީކޮށް އިއުލާން ކުރި ބޭފުޅަކީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެންނަމަވެސް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް އޮތް ހަމައެކަނި ޗޮއިސްއަކީ އެމަނިކްފާނުކަމަށް ރައީސް ސާލިހު ކުރިން ވިދާޅުވެފައި ވުމާއެކު، އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވުމަށް ރައީސް ސާލިހު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭކަން އެއީ މާކުރިއްސުރެ ކަށަވަރުވެ ޔަގީން ކުރެވިފައިވާ ކަމެއްވެސް މެއެވެ.
އެހެންނަމަވެސް، އަންނަ ޖެނުއަރީމަހުގެ 28ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ ރިޔާސީ ޕްރައިމަރީއާއި ގުޅޭގޮތުން ފާއިތުވެދިޔަ ތަނުގައި ތަފާތު އެތައް ގޮތްގޮތަކަށް ނަޝީދު ވާހަކަ ދައްވާފައި ވެއެވެ. އެއްބައި ފަހަރަށް ވިދާޅުވަމުން ގެންދެވީ ބަރުލަމާނީ ނިޒާމެއް ނުގެނެސް 2023ގެ ރިޔާސީ އިންތިޚާބު ބޭއްވިގެން ނުދާނޭކަމަށެވެ. އަނެއްބައި ފަހަރަށް ވިދާޅުވެފައިވަނީ ރިޔާސީ ނިޒާމެއްގައި ދެން ވެރިކަން ކުރައްވަން ބޭނުންފުޅު ނުވާކަމުގައެވެ.
އެއަށްފަހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާން ކުރުމާއެކު، އެ ޕްރައިމަރީގައި ވާދަކުރައްވާނޭކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވުމަށްފަހު، ޖެހިގެން އައި ދުވަހު ނަޝީދު ވިދާޅުވެފައިވަނީ އެޕާޓީގެ ދަފްތަރު އޮތީ ގަޑުބަޑު ކޮށްފައިކަމަށާއި، ކުރިޔަށް އޮތް އެޕާޓީގެ ރިޔާސީ ޕްރައިމަރީ އިންސާފްވެރި ވެގެން ނުދާނޭ ކަމުގައެވެ.

ކުރިޔަށް އޮތް 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށްބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މިހާރު އެޕާޓީން ވަނީ ނިންމާފައެވެ. އަދި މިޕްރައިމަރީގައި ވާދަކުރަން ބޭނުންފުޅުވާ އެޕާޓީގެ މެންބަރުން، އެބޭފެޅުން ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ، ޕާޓީގެ 500 މެންބަރުންގެ ތާއީދާއިއެކު 24 ޑިސެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުމަށްވެސް ޕާޓީން މިހާރުވަނީ އަންގާ އިއުލާން ކޮށްފައެވެ.
ނަޝީދު ޝަކުވާ އުފުލުމުގައި އަވަދި ނެތި، ރައީސް ސާލިހު ކެންޕޭން ފައްޓަވައިގެން ކުރިޔަށް!
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން ރަސްމީކޮށް އާންމުކޮށް އިއުލާން ކުރައްވާފައި ނުވިނަމަވެސް، ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމާއެކު ރައީސް ސާލިހު ރޭގެ ވަގުތެއްގައި ވަނީ، އެޕާޓީގެ ގައުމީ މަޖިލިހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ.
އަދި މި ބައްދަލުވުމުގައި، އެޕާޓީގެ ގައުމީ މަޖިލިހުގައި ހިމެނިވަޑައި ނުގަންނަވާ ބައެއް ފަރާތްތައްވެސް ބައިވެރިވެ، އޭގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންފައި ވުމާއެކު، ބެލެވޭ ގޮތުގައި މި ބައްދަލުވުން ޚާއްސަ ކުރެވިގެން ގޮސްފައިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައީގައި ވާދަކުރެއްވުމަށް ރައީސް ސާލިހު ވެވަޑައިގަންނަވާ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޚާއްސަކޮށްގެން ބޭއްވިގެންދިޔަ ބައްދަލުވުމެއް ކަމުގައެވެ.
މިބައްދަލުވުން ބޭއްވިފައިވަނީ ރައީސް ސާލިހުގެ ކެމްޕެއިން މައި އޮފީސްކަމަށް ކަނޑައަޅާފައިވާ ސޯލްޓްކެފޭގައެވެ. މިބައްދަލުވުމުގައި އެމްޑީޕީގެ ވަޒީރުންގެ ތެރެއިން ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއި، އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއި، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ގިނަ އަދަދެއްގެ ގައުމީ މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ރައީސް ސޯލިހާއި އެމަނިކުފާނާއެކު ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޖުމްލަަ 167 މެމްބަރުން ތިބޭއިރު އޭގެ ތެރެެއިން 100 އަށް ވުރެ ގިނަ މެމްބަރުން ސޯލްޓުގެ ބައްދަލުވުމުގައި މި ބައްދަލުވުމުގައި ބައިވެރިވެފައި ވެއެވެ.
އެހެންކަމުން ބެލެވޭ ގޮތުގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ރަސްމީކޮށް އަދި އެޕްލިކޭޝަންވެސް ހުށަހަޅާފައި ނުވިނަމަވެސް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ މިވަނީ ރައީސް ސާލިހުގެ ކެނޑިޑަސީއަށް ތާއީދު ކުރާކަން އަމަލީގޮތުން ސާބިތު ކޮށްދީފައެވެ.

އެހެންނަމަވެސް އެއާއި ޚިލާފަށް، ކުރިޔަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާކަން އާންމުކޮށް އިއުލާން ކޮށްފައިވި ނަމަވެސް، ޕްރައިމަރީއަށް ތައްޔާރު ވުމުގެ ގޮތުން އެއްވެސް މަސައްކަތެއް ނުވަތަ އެއްވެސް ކެމްޕޭން ހަރަކާތެއްވެސް ނަޝީދުގެ ފަރާތްޕުޅުން މިހާތަނަށް ފެނިފައެއް ނުވެއެވެ.
ހަމައެކަނި ކުރެއްވިހާވެސް ކެމެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ އެޕާޓީގެ ދަފްތަރުގައި ސައްޙަކަމެއް ނެތްކަމަށް ވިދާޅުވެ ޕާޓީގެ ޗެއަރޕާސަންއަށް އެޑްރެސްކޮށް ފޮނުއްވި ސިޓީފުޅެކެވެ. ނަޝީދުގެ މި ސިޓީފުޅުގެ ރައްދުގައި އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާގޮތުގެ މަތިން, ދަފްތަރު ސައްހަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ ހިތާމަ ކުރާކަމުގައެވެ.
މި ބަޔާނުގައި ބުނެފައިވަނީ, ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު ކުރިން އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓު ގަޑުބަޑު ކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ކަމަށެވެ.
ނަޝީދަށް ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު ކުޑަ! ވާދަވެސް ނުކުރައްވަފާނެ!
އެމްޑީޕީގެ ކުރިޔަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭކަމަށް ވިދާޅުވެ ނަޝީދު އެކަން އާންމުކޮށް އަންގާ އިއުލާން ކޮށްފައިވި ނަމަވެސް، ޕްރައިމަރީގައި ރައީސް ސާލިހާއި ވާދަކޮށްގެން މި ޕްރައިމަރީ ނަޝީދަށް ކާމިޔާބު ކުރެއްވިދާނެކަމަށް ގިނަބަޔަކު ގަބޫލުކުރަމުން ނުދާކަމުގައި ދަންނަވާން ޖެހެއެވެ.
އޭގެ އެންމެބޮޑު އެއް ސަބަބަކީ، ފާއިތުވެދިޔަ، އެޕާޓީގެ ޗެއަރޕާރސަން އިންތިޚާބުގައި ނަޝީދަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޮޑު ނާކާމިޔާބީގެ އިތުރުން، ފާއިތުވެދިޔަ އެޕާޓީގެ ކޮންގްރެސްގައިވެސް ބޮޑު ނާކާމިޔާބީއަކާއިއެކު ކޮންގްރެސް ނިންމަވާލައްވަން ނަޝީދަށް ޖެހިވަޑައިގެންފައި ވުމެވެ.

އަދި އޭގެ އިތުރުން، ފާއިތުވެދިޔަ ތަނުގައި، އެމްޑީޕީގެ އެތެރޭގައި އުފެދިގެން ގޮސްފައިވާ ސިޔާސީ ކޯޅުންތަކުގައި ޕާޓީގެ ފެކްޝަންތައް ބެހިގެން ގޮސްފައިވާ ގޮތަށް ބަލާއިރުވެސް، ރައީސް ސާލިހުގެ ފެކްޝަންގައި ހުރި ސިޔާސީ ހަކަތައާއި ވާދަކޮށް، މުޅި ރާއްޖޭގައި ކުރެވިގެންދާނެ މިފަދަ ކެންޕޭނެއް ކާމިޔާބު ކުރެވޭނެ ހަކަތަ ނަޝީދުގެ ފެކްޝަންގައި މިހާރު ހުރިކަމަކަށްވެސް ގިނަބަޔަކު ގަބޫލު ނުކުރާކަންވެސް މިފިރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އެހެންކަމުން، ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ފާއިތުވެދިޔަ އެޕާޓީގެ ކޮންގްރެސްގައިވެސް، އެންމެ ފަހުވަގުތުގައި "ފޭސް ސޭވިންގ ފޯމިއުލާއެއް" ނަޝީދު ހޯއްދެވިފަދައިން، މިހާރު ކުރައްވަމުން ގެންދަވާ "ދަފްތަރުގެ ޝަކުވާ"ތަކާއެކު، އެންމެ ފަހުވަގުތު ނަޝީދު ހޯއްދަވަން ބޭނުންފުޅުވާނީ، ޕްރައިމަރީގައި ވާދަކު ނުކުރައްވާނެ "ފޭސް ސޭވިންގ ފޯމިއުލާ"އެއް ކަމުގައިވެސް ގިނަބަޔަކު ދެކެއެވެ.
ސަބަބަކީ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް ބޮޑު ބައްޔަކުން ބަލިވުމަށްވުރެ، ފޭސް ސޭވިންގ ފޯމިއުލާއެއް ހޯއްދަވާ، ޕްރައިމަރީގައި ވާދަ ނުކުރެއްވުންއެއީ ނަޝީދަށް ސިޔާސީ ގޮތުން މޮޅު އިތުރު ގޮތެއްކަމުގައި ވެދާނެތީކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ