އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު ޢިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަން ކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމު ހުސްވެފައިވަނީ ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކުރަމަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ބަލައި އޭނާ މަޤާމުން ވަކިކުރަން ނިންމުމާއި ގުޅިގެން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އަކްރަމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީގެ އިތުބާރުނެތި މިނިވަން މުޢައްސަސާއެއްގެ މެންބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބަޔެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި، އެމައްސަލާގައި ތުހުމަތުކޮށްފައިވާ އެއްވެސްކަމެއް އޭނާގެ ފަރާތުން ހިނގާފައިނުވާކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށްވެސް އަކްރަމް ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހެވެ. ފޯމުތައް ހުށަހެޅަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ކޮމެންޓު ފޮނުވާ