ރާއްޖެގައި ފަހަކަށް އައިސް ހިގާފައިވާ ނުރައްކަތެރި މަރުގެ ހާދިސާތަކުގެ ތެރެއިން އަދިވެސް އެ މައްސަލައެއްގެ ފުނާއި ހަމައަށް ދަތުރު ކުރެވިފައިނުވާ، ނޫސްވެރިއާ ރިޟުވާން އަބުދުﷲގެ މަރުގެ މައްސަލައަކީ، އެމައްސަލައިގެ ފުނާހަމައަށް ދަތުރުކުރުން ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއްކަމެކެވެ.
މިގޮތުން މި ވައުދު ފުއްދެވުމުގެ ގޮތުން، ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވުމާއެކު، އެންމެ ފުރަތަމަ އުފެއްދެއްދެވި އެއް ކޮމިޝަނަކަށް ވެގެން ދިޔައީ ގެއްލުވާލާފައިވާ މީހުންނާއި މަރުވެފައިވާ މީހުންގެ ހަގީގަތް ހޯދުމަށް އަމާޒުކޮށް އެކުލަވާލި މަރު ކޮމިޝަންއެވެ. މިކޮމިޝަނުން ފާއިތުވެދިޔަ ތަނުގައި ކޮށްފައިވާ މަސައްކަތްތަކަށް، މިފަދަ އެހެނިހެން ކޮމިޝަންތަކެކޭވެސް އެއްފަދައިން ކުރިމަތިވެދިޔަ ބޮޑު ގޮންޖެހުންތަކާއި، އަދި ކޮމިޝަންގެ ކޮމްޕޮޒިޝަނަށްވެސް އައި އެކިއެކު ބަދަލުތަކާއެކު، އެންމެ ފަހުން ކޮމިޝަނުން މިވަމީ ރިޟުވާންގެ މަރު ތަހުގީގުކޮށް، ލިބުނު ހެކިތަކާއި ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް އެކުލަވާލި ރިޕޯޓު ރައީސް ސާލިހުގެ އަތްޕުޅަށް އަރުވާފައެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން އަޙްމަދު ރިޟްވާން ޢަބްދުاللهގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވަފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ.
މިރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދުވަހުގެ ހަވީރު ކޮމިޝަންގެ މެމްބަރުންވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރުން ވިދާޅުވެފައިވަނީ، އަޙްމަދު ރިޟްވާން ޢަބްދުاللهގެ ޢާއިލާ މެންބަރުންނާއި ބައްދަލުކޮށް ރިޕޯޓުގައި ހިމެނޭ ކަންކަން ވަރަށް ތަފްޞީލުކޮށް އާއިލާއާ ޙިއްޞާ ކުރައްވައިފައިވާނޭ ކަމުގައެވެ. އަދި ރިޕޯޓުގައި ހިމެނޭ ބައެއް ކަންކަމުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކޮށް، މަރުގެ ހާދިސާގައި ހިގާފައިވާ ގޮތުގެ ބައެއް ތަފްސީލުތައްވެސް ކޮމިޝަންގެ މެމްބަރުން ނޫސްވެރިންނާވެސް ހިއްސާ ކޮށްފައި ވެއެވެ.

ރައީސް ޔާމިންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް!
ކުރީގެ ރައީސް ނަޝީދުގެ ދައުރުއްސުރެ ހިންގަމުން އައި މިނިވަން ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ރިޟުވާނަށް އަބުދުﷲއަށް ވީގޮތް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަންއިން ކުރި ތަހުގީގަށްފަހު އެކުލަވާލި އެންމެ ފަހުގެ ރިޕޯޓު ރައީސުލްޖުމުހޫރިއްޔާގެ އަތްޕުޅަށް އެރުވުމާއެކު، މިރިޕޯޓަށް އެންމެ ފުރަތަމަ އަމާޒުވެގެންދިޔަ ފާޑު ކިޔުންތަކަކީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުންތަކެވެ.
ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރިޟްވާން ގެއްލުވާލި ހާދިސާގެ ތަހުގީގީ ރިޕޯޓުގައި އެ ހާދިސާ ހިގައިދިޔަ ގޮތާއި ގުޅެގޮތުން އެތައް ތަފްސީލުތަކެއް ހިމަނާފައިވާއިރު، މިރިޕޯޓުން ފާހަގަވެގެންދިޔަ އެންމެ މުހިންމު އެއް ކަމަކަށް ވެގެންދިޔައީ، އެ ހާދިސާ ހިގައިދިޔައިރު ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް އަބުދުﷲ ޔާމިންއާއި އެ މައްސަލައާއި އޮތް ގުޅުންތަކާއި ގުޅޭގޮތުން ރިޕޯޓުގައި ފާހަގަ ކޮށްފައިހުރި ކަންކަމެވެ.
މިގޮތުން ރިޕޯޓުގައި ފާހަގަކޮށްފައި ވާގޮތުން، ނޫސްވެރިޔާ، އަހުމަދު ރިލްވާން އަބްދުﷲ މަރާލުމުގެ ތުހުމަތު ކުރެވޭ ތ. އޮމަދޫ، ނަރުގިސްވިލާ، މުހައްމަދު މުނާޒް، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފުރައިގެން ދިޔައީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ ބައްދަލުކޮށް މަރުގެ ހަގީގަތް ކިޔައިދިނުމަށް ފަހުއެވެ. އަދި އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިވަނީ ރައީސް ޔާމިންގެ އެހީތެރިކަމާ އެކު ކަމަށްވެސް މަރު ކޮމިޝަނުން ބުނެފައި ވެއެވެ.
2014ވަނަ އަހަރު ހިގާފައިވާ މި ހާދިސާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މަރުކޮމިޝަނުން މިހަފްތާފައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރުން އިތުރަށް ވިދާޅުވެފައިވަނީ، މަރުގެ ތަހުގީގަށް އޭރު ހައްޔަރު ކުރެވުނު ބައެއް މީހުން މިނިވަންކުރުމަށް ރައީސް ޔާމިންގެ ސަރުކާރުގެ އިސްވެރިން އޭރު މަސައްކަތް ކޮށްފައި ވާކަމުގައެވެ. މީގެ އިތުރުންވެސް ކޮމިޝަނުން ފާހަގަ ކޮށްފައިވާ ގޮތުގައި ރިޟުވާން މަރާލުމުގައި ބައިވެރިވި ބައެއް މީހުންނާއި އޭރުގެ ސަރުކާރުގެ އިސްވެރިންނާ ގާތް ގުޅުންތަކެއް އޮވެފައި ވެއެވެ.
މިގޮތު ކޮމިޝަންގެ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި، ތ. އޮމަދޫ، ނަރުގިސްވިލާ މުހައްމަދު މުނާޒް (މަނާއްކޮ) ސީރިއާއަށް ފުރުމުގެ ކުރިން އޭރުގެ ރައީސްުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީންއާއި ބައްދަލުކޮށް އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ކާރަކަށް ލައިގެން، މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރިގޮތް ރައީސް ޔާމިންއާއި ހިއްސާ ކޮށްފައިވާކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފައިވެއެވެ.
އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައި ވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާ އެކު ކަން ވެސް މި ތަހުގީގަށް އެނގިފައިވޭ، މި މައުލޫމާތު ކޮމިޝަނާ ހިއްސާ ކުރި ފަރާތަކީ މުނާޒުއާ ވަރަށް ގާތް އަދި މުނާޒް ސީރިއާގައި ހުރެގެން އެމީހުންނާ ބައިވެރިވެ ހަނގުރާމަ ކުރުމަށް ސީރިއާއަށް ދާން ރެކްރޫޓު ފަރާތެއް ކަން ފާހަގަ ކުރެވޭ.
މަރުކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް، ރިޕޯޓާއި ގުޅެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރައްވަމުން ވިދާޅުވެފައި ވެއެވެ.

ޔާމިންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރުމަށް މަގުފަހި ކޮށްދޭ!
ރިޟުވާންގެ މަރުގެ ހާދިސާއާއި ރައީސް ޔާމިންއާއި ގުޅުން އޮތްކަމަށް ނުބެލެވޭކަމަށް، ކޮމިޝަން އެންމެ ފުރަތަމަ އެކުލަވާލިއިރު ކޮމިޝަންގައި ހިމެނުނު މެމްބަރެއް ކަމުގައިވާ، ސުޕްރިމްކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭރު ވިދާޅުވި ނަމަވެސް، މިމައްސަލާއާއި ރައީސް ޔާމިންއާއި ނުސީދާކޮށް ނަމަވެސް ގުޅުންއޮތްކަމަށް ކޮމިޝަންގެ މިހާރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވުމުން، ގަބޫލު ކުރެވޭ ގޮތުގައި މި މައުލޫމާތުތައް ވެގެންދާނީ ރައީސް ޔާމިންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރުމަށް މަގުފަހިކޮށްދޭ ހެކިތަކެއް ނުވަތަ މައުލޫމާތުތަކެއް ކަމުގައެވެ.
ސަބަބަކީ، ރިޕޯޓުގައި ފާހަގަ ކޮށްފައިވާގޮތުން، ބޭރުގައުމެއްގައި ހިގަމުންދާ ދާޚިލީ ހަނގުރާމައެއްގައި ބައިވެރިވުމަށް މީހަކު ފޮވުން، ނުވަތަ އެ މަގުސަދުގައި ފުރައިގެންދިޔަ މީހަކަށް ރައީސް ޔާމިން އެހީތެރިކަން ފޯރުކޮށް ދީފައިވާކަމަށް ރިޕޯޓުގައި ބަޔާން ކޮށްފައިވާތީއެެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާގޮތުން ބޭރު ގައުމެއްގައި ޓެރަރިސްޓު ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައަށްނަމަވެސް، މީހަކު ފޮނުވުމާއި ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތްކުރުން ނުވަތަ އެކަމަށް ހިތްވަރުދިނުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، ދިހަ އަހަރާއި ފަނަރަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވެސް މި ގާނޫނުގައި ބުނެފައިވެއެވެ.
މިމައްސަލައާއި ގުޅޭގޮތުން ކުރިޔަށްދާ ތަހުގީގުގައި މީގެ ކުރިން ރައީސް ޔާމިން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެއެވެ. އެހެންނަމަވެސް އޭރު ރައީސް ޔާމިންވަނީ ކޮމިޝަންގެ ތަހުގީގަށް އެއްބާރުލުން ނުދީ ހަނު ހުންނަވާފައެވެ.
އާއިލާއިން ރިޕޯޓު ބަލައިގަނޭ! އަވަހަށް އިންސާފު ލިބުން މުހިންމު!
ރިޟުވާންގެ މަރުގެ ރިޕޯޓު މަރު ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނިކޮށް، ބައެއް މީޑިއާތަކަށް އާއިލާގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައިވަނީ އާއިލާއިން ރިޕޯޓު ބަލައިގަންނަ ކަމުގައެވެ.
ރިޟުވާން މަރާލާފައިވަނީ، ވަގަށް ނެގުމަށްފަހު، ކަރު ބުރިކޮށް ކަނޑު ފައްތައިގެންކަމަށް ނިންމާފައިވާ މި ރިޕޯޓު ބަލައިގަންނަކަން ހާމަކުރަމުން ރިޟުވާންގެ އާއިލާގެ ފަރާތުން ބުނެފައިވަނީ އެއާއިލާގެ އެދުމަކީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، މިމައްސަލާގައި ޝާމިލްވާ މީހުން ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުން ކަމުގައެވެ.

މިއަަހަރުގެ ޖޫންމަހު ފުލުހުންވަނީ ރިޟުވާންގެ މަރުގެ މައްސަލައާއި ގުޅުން އޮތްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ 3 މީހަކު ހައްޔަރު ކޮށްފައެވެ. މިގޮތުން ރިޟުވާން މަރާލާފައިވާ މައްސަލައާއި ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި، އެކުށްތައް ހިންގުމަށް މަގުފަހި ކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން މިއަހަރުގެ ޖޫންމަހު ފުލުހުން ހައްޔަރު ކޮށްފައިވަނީ މއ. ފާގަފިލާގޭ، އުމުރުން 39 އަހަރުގެ އަހުމަދު އިސްމާއިލްއާއި، ކ.މާލޭ ދަފްތަރު ނަންބަރު RS8499 އުމުރުން 40 އަހަރުގެ އަހުމަދު މުއާޒު، އަދި މ. ލެގޫންވިއު އުމުރުން 30 އަހަރުގެ އިސްމާއިލް އަބްދުއްރަހީމްއެވެ. މި އެންމެންވެސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އެހެންކަމުން، ރިޟުވާން ވަގަށްނަގާ މަރާލާފައިވާ މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ކުރީގެ ރައީސް ޔާމިންއާއި ގުޅޭގޮތުން ފާހަގަ ކޮށްފައިވާ ކަންކަމާއި ގުޅިގެން، މި ރިޕޯޓަށް ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެގެން ދިޔަނަމަވެސް، މިއީ މި ނުރައްކާތެރި މަރުގެ މައްސަލައާއި ގުޅޭގޮތުން ކޮމިޝަނުން ކޮށްފައިވާ މުހިންމު މަސައްކަތެއް ކަމުގައި ބަލައިގަންނަން ޖެހެއެވެ.
އަދި މިފަދަ ހާދިސާތައް ރާއްޖޭގައި ތަކުރާރުވެގެންދިޔަ ނުދިނުމަށްޓަކާ މި ރިޕޯޓުގަައި ފާހަގަ ކޮށްފައިވާ ކަންކަމުގެ މައްޗަށް ދައުވާތައް އުފުލާ، ޒިންމާވާންޖެހޭ ފަރާތްތަކާއި ހަމައަށް އިންސާފުގެ ދިގުއަތް ފޯރުމަކީ ކޮންމެހެންވެސް މުހިންމުކަމެއް ކަމުގައި ދަންނަވާން ޖެހެއެވެ.
ކޮމެންޓު ފޮނުވާ