އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޕާޓީގެ (ޑީއާރުޕީ)ގެ ޓިކެޓްގައި ވާދަކުރުމަށް އެޕާޓީގެ ލީޑަރު، އަދި ޗެއާމަން ކާށިދޫ ދާއިތާގެ މެމްބަރު ޖާބިރު ނިންމާފައި ވަނިކޮށް ޕާޓީ އުވާލަން އިލެކްޝަނުން ނިންމުން ކޯޓަށް ދާން ޑީއާރުޕީން ނިންމައިފިއެވެ.
ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރްޕީއަށް ގާނޫނުގެ ދަށުން ދެވުނު ތިން މަސް ދުވަހުގެ މުއްދަތު އޮކްޓޫބަރު 25 އަށް ހަމަވިއިރު 3،000 މެންބަރުން އެ ޕާޓީއަށް ހަމަވެފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެ ޤާނޫނުގެ ދަށުން އެ ޕާޓީ އުވާލުމަށް ނިންމާ އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރްޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލުކޮށްފައެވެ. ކޮމިޝަނުން މިހާރު ގެންދަނީ ޕާޓީ އުވާލުމުގެ މަސައްކަތެވެ.
މިކަމާއި ގުޅިގެން ޑީއާރުޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޓީގެ ހާލަތު ރަނގަޅަށް ކޮމިޝަނަށް އަންގަމުން ގޮސްފައި އޮއްވައި، ޕާޓީ އުވާލަން ނިންމުމަކީ ދިވެހިރާއްޖޭގެ "ޑިމޮކްރަސީ ފުނޑާލުމަށް އިލެކްޝަންސް އިން ފެށި މަސައްކަތެއް" ކަމަށެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި ޗެއާމަން ޖާބިރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވާފައިވައިރު ޕާޓީ އުވާލުން ބަލައިނުގަނެވޭނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
މިބަޔާނުގައި ބުނެފައިވަނީ ޑީއާރްޕީގެ ލީޑާޝިޕުން ޕާޓީއާ ހަވާލުވުމާއެކު އެއިރު ޕާޓީ ހިންގުމުގައި ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ހިންގަވާފައިވާ އެކިއެކި ކަންކަމާއި ގުޅިގެން އެކި ތަންތަނަށް ދައްކަންޖެހިފައިވާ ދަރަނީގެ މައްސަލަތައް ހައްލު ކުރުމަށާއި ޕާޓީގެ އިދާރީ ކަންކަން ހަރުދަނާ ކުރަން މަސައްކަތް ފެށިތަނާހެން ކޮވިޑްގެ އާލަމީ ވަބާއާ ކުރިމަތިލާންޖެހި ގިނަ ދުވަސްތަކެއް ވަންދެން އެ ހާލަތުން އަރައިނުވަގެނ ތިބެންޖެހުނު ކަމަށެވެ.
ކޯޓަށް ގޮސްގެން ޑީއާރްޕީ އުވާލުން ކެންސަލް ނުކުރެވިއްޖެ ނަމަ ޖޭޑީޕީގެ ނަމުގައި ޕާޓީއެއް އުފައްދާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލުމުގެ މަސައްކަތް ކުރަމުން އަންނާތީ އެޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައެވެ.
ޑީއާރުޕީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި އެއް ޕާޓީއަށްވާއިރު އެޕާޓީގެ ފުރަތަމަ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. ޑީއާރުޕީ ބައިބައިވެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުވީ އެޕާޓީގެ އޭރުގެ ލީޑަރޝިޕްގައި އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން ޕީޕީއެމްގެ އުފެދުނު ހިސާބުންނެވެ.
ކޮމެންޓު ފޮނުވާ