އެމްޑީޕީ ތެރޭގައި ފިތުނަފަސާދަ އުފެއްދުމަށްފަހު ޕާޓީއގެ ސިޔާސަތޭ ކިޔައިގެން ވާހަކަ ދެއްކުމަކީ މާރަނގަޅު ކަމެއްނޫންކަމަށް ބުނެ އެމްޑީޕީއާއި ދާދިފަހުން ގުޅުނު މޫސާ މަނިކުގެ ރައްދެއް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަށް ދެއްވައިފިއެވެ.
މޫސަ ހަސަނަށް ރައްދު ދީފައިވަނީ މަސްވެރިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ހަސަން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ. ހަސަން ވިދާޅުވެފައިވަނީ އެމްޑީޕީން ގެންގުޅުއްވި މަސްވެރިކަމުގެ ސިޔާސަތު ދޫކޮށްލައި އެހެން ޕާޓީތަކުގެ ސިޔާސަތުތައް ތަންފީޒު ކުރަން ފެށުމުން މުޅި ސިޔާސަތު ބޮއްސުންލާފައިވާކަމަށެވެ.
ހަސަންގެ ވާހަކަތަކަށް ރައްދު ދެއްވައި މޫސަ ވިދާޅުވީ އެމްޑީޕީގެ މައިގަނޑު ސިޔާސަތަކީ ހަމަހަމަ ކަމާއިއެއްބައިވަންތަ ކަންކަމުގައެވެ. ނަމަވެސް އެމްޑީޕީގެ އެންމެ އިސްމަގާމުގައި ހުންނަވައިގެން ހަސަން ލަތީފްވަނީ ޕާޓީ ބައިބައި ކުރައްވައި ފިތުނަފަސާދަ ކުރައްވާފައިކަމަށެވެ. އެމްޑީޕީ ބައިބައިކޮށް އެކަކު އަނެއްކަކަށް ވާހަކަ ނުދެކެވޭ ހިސާބަށް ކަންކަން ގެންދިއުމަށްފަހު ސިޔާސަތުގެ ވާހަކަ ދައްކަން ހަމަނުޖެހޭކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ މައިގަނޑު ސިޔާސަތު ކަމުގައިވާ ހަމަހަމަކަމާ އެއްބައިވަންތަކަން ދޫކުރައްވާ ޕާޓީގެ ޗެއަރގެ މަޤާމުގާ ހުންނަވައިގެން ވަކިފަރާތަކަށް ޖެހިވަޑައިގަންނަވާ، ޕާޓީތެރެ ފިތުނަކުރައްވާ، އެކަކުއަނެކަކާ މޫނު ދިމާކޮށްނުލެވޭވަރު ކުރައްވާފަ ދެންކޮން އިތުރު ސިޔާސަތެއްގެ ވާހަކައެއްތޯ؟
– މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ މެދުގައި ސިޔާސީ ވާދަވެރިކަން ބޮޑުވެ، އެއްބޭފުޅަކު އަނެއްބޭފުޅަކަށް ތާއީދުކުރާ މެމްބަރުންގެ މެދުގައިވަނީ ވަރަށް ބޮޑުވާދަވެރިކަމެއް އުފެދިފައެވެ. ޚާއްސަކޮށް ކުރިއަށް ރިޔާސީ އިންތިޚާބު އޮއްވައި އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަކީ އެޕާޓީއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް އެންމެބޮޑު ކުރަސްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ރައީސް ޞާލިހު ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރައްވަން މަސައްކަތް ކުރައްވާއިރު، ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޞާލިހަށް ރިޔާސީ ދެވަނަ ދައުރެއް ދޭން ތާއީދު ނުކުރާކަމަށެވެ. އަދި އެމަނިކުފާނުގެ ތާއީދު ރައީސް ޞާލިހަށް ނުލިބޭނެކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.