ޓެރަރިސްޓް ހަމަލާއެއް ދީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅުނު ކަމަށް ބުނެ ދާދިފަހުން އައްޑޫން ހައްޔަރުކުރި މީހަކާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުން ހައި ކޯޓުން މިއަދު އޭނާ މިނިވަންކޮށްފިއެވެ.
މިދިޔަ މަހު އައްޑޫގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކުރިއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުން އެ މީހުން އުޅުނީ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދޭށެވެ. އެ މައްސަލާގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މީހުންގެ ތެރެއިން ހައި ކޯޓުން މިއަދު މިނިވަންކުރީ ދަށު ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރި މީހެކެވެ.
މިއަދު ހައިކޯޓުން މިނިވަންކޮށްފައިވަނީ، މުހައްމަދު ގައިސް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރުމަށް އަމުރު ނެރުނީ ކްރިމިނަލް ކޯޓުގެ ފަރާތުން ނެވެ. އެ އަމުރާއި އެއްގޮތަށް މިދިޔަ މަހުގެ 10ވަނަ ދުވަހު އޭނާގެ ގެ ބަލައި ފާސްކޮށް، 11 ވަނަ ދުވަހުގެ 16:15 ހާއިރު އޭނާ ހައްޔަރު ކޮށްފައި ވެއެވެ. އަދި އޭނާ ރިމާންޑު ޖަލެއްގައި ބަންދުކޮށްދިނުމަށް އެދި އައްޑޫ، މަރަދޫފޭދޫ މެޖިސްޓްރޭޓު ކޯޓުގައި ފުލުހުންގެ ފަރާތުން އެދުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެ ކޯޓުން އަމުރު ނެރެދީފައި ވެއެވެ.
ހައިކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ، މަރަދޫ ފޭދޫ ކޯޓުގެ އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި ތުހުމަތުކުރެވޭ ގައިސްގެ ފަރާތުން ހުށަހެޅި މައްސަލަގައެެވެ. އެ މައްސަލާގައި ހައިކޯޓުން މިއަދު އަމުރު ނެރުނީ އެކަށީގެންވާ ހެކި ގަރީނާ ނެތުމުން އޭނާ މިނިވަން ކުރުމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ތުހުމަތުކުރެވޭ މީހާ އާއި ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުން ފިޔަވައި އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށާއި، ބާރު ދޭ އެއްވެސް ގަރީނާއެއް ވެސް އެ އިންޓެލިޖެންސް ރިޕޯޓާއެކު ހިމެނިފައި ނުވާ ކަމަށެވެ. އެހެންކަމުން ހަމައެކަނި އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކޭ ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ދަށު ކޯޓުގެ އަމުރު ބާތިލް ކުރުމަށެވެ. ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާއެވެ.
ކޮމެންޓު ފޮނުވާ