ކޯވިޑަށްފަހު އެންމެ ބޮޑަށް ކުރިއަރަމުންދާ އިޤްތިޞާދުގެ ތެރޭގައި ރާއްޖެވެފައިވަނީ ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒޭނާ މިހެން ވިދާޅުވީ އިޤްތިޞާދީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސަރުކާރުން ނިންމެވީ އުނދަގޫ އެހެންނަމަވެސް ރަނގަޅު ނިންމެވުންތަކެއްކަން ފާހަގަކުރައްވައި އެކަންކަމަށް ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް މާޓިން ރޭއިސް ތަޢުރީފުކުރައްވައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ރޮޒޭނާ ވިދާޅުވީ ކޯވިޑަށްފަހު ދުނިޔޭގެ އެންމެ ކުރިއަރަމުންދާ އިޤްތިޞާދުގެ ތެރޭގައި ރާއްޖެ ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެދުވަހު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އިޤްތިޞާދީ ގޮތުން ކުރިއަރާ އަދި މާލީ ގޮތުން ބާރުވެރި ބަޔަކަށް ރާއްޖެ ވެގެންދަނީ ސަރުކާރުން ނިންމި ރަނގަޅު ނިންމުންތަކާއި ގެންގުޅުއްވި އިޤްތިޞާދީ ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
އެނގެން އޮތް ސާފު ހަގީގަތަކީ ކޮވިޑަށް ފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިގްތިސޯދަށް ރާއްޖެ ވެފައި މިވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން އަޅަމުން އައި އިގްތިސޯދީ ފިޔަވަޅުތަކަކީ ހަރުދަނާ ފިޔަވަޅުތަކަކަށް ވީމާކަން.
– ރޮޒޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުން، ވޯލްޑް ބެންކްގެ ދެކުނު އޭޝިއާގެ ނައިބު ރައީސް މާޓިން ރޭއިސް ވިދާޅުވީ ސަރުކާރުން ނިންމެވި އުނދަގޫ އެހެންނަމަވެސް ބޭނުންތެރި ނިންމުންތަކުގެ ރަނގަޅު ނަތީޖާ ކުރިއަށް އޮތްދުވަސްތަކުގައި ފެނިގެންދިޔުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އާރާސްތުކޮށް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ވޯލްޑް ބޭންކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން މާޓިންވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.
މިބައްދަލުކުރެއްވުމުގައި ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވަރކްގެ މައްޗަށް އަލިއަޅުވާލައްވައި އެ ފްރޭމްވޯކްގައި މައިގަނޑު އަމާޒު ހިފާފައިވާ ތިން ދާއިރާއަކީ އިޤްތިޞާދީ ވިލުންތެރިކަމަށާއި އިޤްތިޞާދު ކުރިއެރުވުމަށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، އިންސާނީ ވަޞީލަތް ބިނާކުރުމަށްކަން ވޯލްޑް ބޭންކުގެ ނައިބު ރައީސްވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ