ރާއްޖެއިން އިތުރު 30 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އިއްޔެގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 27 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 3 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޖެންސީން ވިދާޅުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 30 މީހުންގެ ތެރެއިން 22 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 8 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،608 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 40 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،599 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 46 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 38 ދިވެހިންނާއި، 8 ބިދޭސީންނެވެ.
ހޮސްޕިޓަލުގައި މިވަގުތު 86 މީހަކަށް ފަރުވާ ދެމުންދާއިރު، ރާއްޖެއިން ބަލީގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 956 އެވެ. އައިސޮލޭޝަންގައި 344 މީހަކަށް ދަނީ ފަރުވާދެމުންނެވެ
ކޮމެންޓު ފޮނުވާ