ޤާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އަދަބު ތަންފީޒު ނުކުރުންނޫންކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޝަމީމް މިހެން ވިދާޅުވީ ޖޫރިމަނާ ނުދައްކާ މައްސަލަ ކޯޓަށް ހުށައެޅުން- އިޚްތިޔާރެއް ނެތް މި މައުޟޫއަށް އޭނާގެ އަމިއްލަފުޅު ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއްގައެވެ.
ޝަމީމް ވިދާޅުވީ، މިހާރު ބޭނުންކުރާ ޤާނޫނުލްޢުޤޫބާތަކީ، 2014 ވަނަ އަހަރު ފާސްކުރައްވައި، 2015 ގައި ޢަމަލުކުރަން ފަށާފައިވާ، ޒަމާނާގުޅޭ ޤާނޫނުލްޢުޤޫބާތެއްކަމަށެވެ. ކުރީގެ ޤާނޫނު ކަމުނުގޮސްގެން ބަދަލުކުރީ، އެޤާނޫނުގެ ދަށުން ހުރި އަދަބުތަކަކީ އެކަށީގެންވާ އަދަބުތަކެއްކަމަށް ނުވާތީއާއި، އެޤާނޫނު ލިޔުނު ގޮތުގެ ތާރީޚީ ޙަޤީޤަތްތަކަށް މިހާރު ބަދަލުވެފައިވާތީކަމަށާއި، 1968 ގެ ޤާނޫނެއް، މިޒަމާނަށް ނުފެތޭތީކަމަށް ޝާމީމް ލިޔުއްވާފައިވެއެވެ. މިގޮތުން، އަލަށް ފާސްކުރި ޤާނޫނުލްޢުޤޫބާތުގައި ތަފާތު އަދަބުތަކެއް ތަޢާރަފުކޮށް، ކުރީގައި ހުރި އަދަބުތަކުގެ ތެރެއިން މިޒަމާނަށް އެކަށީގެންނުވާ އަދަބުތައް އުވާލާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، ޤާނޫނުލްޢުޤޫބާތުގައި އަދަބާބެހޭ ހުރިހާ ވާހަކައެއް އޮތީ އެޤާނޫނުގެ ތިންވަނަ ބައި (ކަނޑައެޅޭނެ އަދަބުގެ މިންވަރު) ބަޔާންކުރާ ބައިގައިކަމަށެވެ. އެބައިގައި އޮތް ގޮތުން، އަޞްލު އަދަބަކީ އަބަދުވެސް ޖަލު އަދަބުކަމަށާއި، އަދަބުގެ މިންވަރު ދެނެގަންނާނީ އެޤާނޫނުގެ 1002 ވަނަ މާއްދާ (ކަނޑައެޅޭ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު) އަށް ބަލައިގެންކަމަށް ލިޔުއްވާފައިވެއެވެ. އެތާވަލުގައި އެއޮތީ އަޞްލު އަދަބުކަމާއި، އޭގައި އޮތީ ހަމައެކަނި ޖަލު އަދަބުގެ ވާހަކަކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
އަޞްލަކީ ޖަލު އަދަބުކަމަށް ކަނޑައެޅުމަށްފަހު، އެޤާނޫނުގެ 1005 ވަނަ މާއްދާ (އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލު) ގައި، ޖަލު އަދަބު، އެހެން އަދަބުތަކަށް ބަދަލުކުރެވޭގޮތާއި މިންވަރުތައް ކިޔައިދީފައިވެއެވެ. ޖަލު އަދަބު ފިޔަވައި، ޤާނޫނު ދަންނަ އަދަބުތަކަކީ، ގޭ ބަންދުކުރުމާއި، މުޖްތަމަޢަށް ޚިދުމަތްކުރުމާއި، ޖޫރިމަނާއާއި، އުޅޭނޫޅޭގޮތް ބެލުމާއި ޕްރޮބޭޝަނެވެ. އަޞްލު އަދަބަކީ ޖަލު އަދަބުކަމަށް ކަނޑައެޅުމަށްފަހު، 1005 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަފާތު އަދަބުތަކަށް އެގޮތް މިގޮތް (މިކްސް އެންޑް މެޗް) ހެދުމުގެ ބާރު ފަނޑިޔާރަށް ލިބެނީ، ޤާނޫނުގެ 1004 ވަނަ މާއްދާ (ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި ބުނާ މިންވަރުގެ އަދަބެއް، ހުއްދަ ކުރެވިފައިވާ އެހެން ގޮތެއް ބޭނުންކޮށްގެން ކަނޑައެޅިދާނެ ޙާލަތްތައް) ގައެވެ.
– ޝަމީމް ވިދާޅުވިއެވެ.
މިއީ، ރެސްޓޯރޭޓިވް ޖަސްޓިސް ނިޒާމުގެ ސިފައެކެވެ. އެއީ، އަދަބު ދިނުމަކީ މީހާ އިޞްލާޙުވާން ބާރުއަޅާ ކަމަކަށް ހެދުމުގެ މަފްހޫމެއްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އެމަފްހޫމުގެ ދަށުން، ކުށެއް ކުރާ ހަމަ ކޮންމެ މީހަކު ޖަލަށްލުމުގެ ބަދަލުގައި، އެމީހަކު އިޞްލާޙުވާން އެކަށީގެންވާ އެހެން އަދަބެއް ދެވޭނޭ ގޮތަކަށް ޤާނޫނުން ޖާގަ ދޭކަމަށާއި، މިސާލަކަށް، ޝަމީމް ނެންގެވީ އަލަށް ކުށްކުރާ މީހަކު، ޖަލަށްލުމުގެ ބަދަލުގައި އެހެން އަދަބަކަށް ބަދަލުކޮށްދިނުމުން، އެމީހާ ކުށުގެ މާޙައުލުން ދުރުވުމަށް ބާރު އެޅިދާނެކަމަށް ބެލެވޭނަމަ، ފަނޑިޔާރަށް އެކަން އެގޮތަށް ކުރުމެވެ.
ޤާނޫނުލްޢުޤޫބާތުގައި މިއުޞޫލުތައް ތަޢާރަފު ކުރީ 2015 ވަނަ އަހަރުއެވެ. ނަމަވެސް، އެކަމާބެހޭ ގޮތުން ހަދާންޖެހޭ ގަވާއިދުތައް ހެދިފައި ނެތިގެން، އަދަބު ބަދަލުކުރުމުގެ ކަންތައް އޮތީ އެއްގޮތަކަށްވެސް ނުހިނގައެވެ. ގަވާއިދު ހެދުން ޤާނޫނުން މަތިކޮށްފައި އޮތީ ސުޕްރީމް ކޯޓާއެވެ. މިކަން މިހެން އޮއްވާ، މިހާރުގެ ސުޕްރީމް ކޯޓުން، 1 ޖުލައި 2021 ދުވަހު މިދެންނެވި ގަވާއިދު އެކުލަވާލައްވައި، ޝާއިޢު ކުރެއްވިއެވެ. ނަމަކީ ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެވެ. އެއުޞޫލަށް ޢަމަލުކުރަން ފަށާފައިވަނީ ޝާއިޢުކުރިތާ 60 ދުވަސްފަހުން، 29 އޮގަސްޓު 2021 ދުވަހުއެވެ.
– ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ޤާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެއަދަބު ތަންފީޒުނުކުރުމެއް ނޫންކަމަށެވެ. އަދަބު ތަންފީޒުވާކަން ކަށަވަރުކުރާން އޮތް މަގަކީ، ޖޫރިމަނާ ނުދައްކާ މީހުންގެ މައްސަލަތައް މުރާޖަޢާ ކުރަން ހުށަހަޅަންޖެހޭ ގޮތަށް އޮންނަ އޮތުންކަމަށާއި، މުރާޖަޢާކުރީމާ ނުކުންނާނެ ނަތީޖާއަކީ، ޖޫރިމަނާގެ އަދަބަށް އެއްބާރުލުން ނުދީ، ޖޫރިމަނާ ނުދައްކާ މީހުން، އަޞްލު އަދަބު ކަމުގައިވާ ޖަލު އަދަބަށް ބަދަލުކުރުންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. ނުވަތަ އެމީހަކާ އެކަށީގެންވާ އެހެން އަދަބަކަށް ބަދަލުކުރުންކަމަށްވެސް ވިދާޅުވިއެވެ.
މިހުރިހާ އުޞޫލެއް ހިނގަނީ ހަމައެކަނި ޤާނޫނުލްޢުޤޫބާތުން އަދަބު ކަނޑައަޅައިފައިވާ ކުށްތަކަށެވެ. އެހެން ޤާނޫނުތަކުން، މިސާލަކަށް، މަސްތުވާތަކެއްޗާބެހޭ ޤާނޫނު ނުވަތަ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުވުމުގެ ޤާނޫނު ފަދަ، ޚާއްޞަ ޤާނޫނުތަކުން އަދަބު ކަނޑައަޅާ މައްސަލަތަކަކަށް، ސުޕްރީމް ކޯޓުގެ އުޞޫލުގައި އޮތް އަދަބު ބަދަލުކުރުމުގެ ހަމަތަކެއް ނުހިނގާނެއެވެ.
– ޝަމީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ