ނިރުފެހި އަލިފާނުގެ ޙާދިސާގައި މަރުވި މީހުންގެ މައްސަލަ ލަސްވާތީ ވައްޑެގެ ކަންބޮޑުވުން

ނިރުފެހި އަލިފާނުގެ ޙާދިސާގައި މަރުވި މީހުންގެ މައްސަލަ ލަސްވާތީ ވައްޑެގެ ކަންބޮޑުވުން

Author
ޢަލީ އާދަމް
08 ޑިސެމްބަރ 2022 11:03
0

މިދިޔަ ނޮވެމްބަރު މަހުގެ 9ވަނަ ދުވަހުގެރޭ މ.ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ މަރުގެ މައްސަލައިގެ އެއްވެސް އަޕްޑޭޓެއް ނުލިބި ލަސްވާތީ ތައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިމައްސަލަ ލަސްވާތީ އެކަން ފާހަގަކޮށް އޮންލައިން ނޫހެއްގައި ލިޔެފައިވާ އާޓިކަލެއް ޝެއަރކުރައްވައި ވައްޑެ ވިދާޅުވި ބޮޑެތި މައްސަލަތައް ތަކުރާރުވުމަށް މަގުފަހިވާ އެންމެބޮޑު އެއް ސަބަބަކީ، ބޮޑެތި މައްސަލަތަކުގެ ސީރިއަސްކަން ކުޑަކޮށްލުންކަމަށެވެ. އަދި 10 މީހެއްގެ މަރުގެ މައްސަލައިގެ ކަންކަން މިހާ ލުއިލުއިކޮށް ގެންދިޔުމަކީ ނުހަނު ކަންބޮޑުވާކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.

ނިރުފެހި އަލިފާނުގެ ޙާދިސާއާ ގުޅިގެން ބައެއް މީޑިއާތަކުން ތަކުރާރުކޮށް ސުވާލުކުރުމުންވެސް މާބޮޑު އަޕްޑޭޓެއް ނުލިބޭ މައްސަލަ މީޑިއާތަކުން ފާހަގަކުރެއެވެ. އެގޮތުން މި މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލުންނާ ނޫސްތަކުން އެކި ފަހަރު މަތިން ސުވާލު ކުރުމުން ވެސް ވިދާޅުވަނީ "މައްސަލަ ދަނީ ބަލަމުން" ކަމަށް ކަމަށާ، އިތުރު ޖަވާބެއް ނުލިބޭކަމަށް ނޫސްތަކުން ފާހަގަކުރެއެވެ. އަދި މިހާދިސާއަށް މަހެއް ވާއިރު އަދިވެސް މަރުވި 10 ބިދޭސީންގެ ތަފުސީލެއް ވެސް ފުލުހުން ހާމަކޮށްފައި ނުވާކަން މީޑިއާއިން ފާހަގަކުރެއެވެ.

މިޙާދިސާގައި ނިޔާވެފައިވާ 10 މީހުންނަކީ އިންޑިއާގެ 3 އަންހެނަކާއި، ބަންގްލަދޭޝްގެ އަންހެނަކާއި އިންޑިއާގެ 5 ފިރިހެނަކާއި، ބަންގްލަދޭޝްގެ ފިރިހެނެކެވެ.

މި ހާދިސާގައި ނިޔާވި މީހުންގެ ހަށިގަނޑުތައް ވަރަށް ބޮޑަށް އަނދާފައިވާތީ އެމީހުން ވަކިކުރަން ނޭނގޭވަރަށް ސިފަ ގެއްލިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. ފުލުހުން ބުނީ، އެމީހުން ދެނެގަތުމުގެ މަސައްކަތްކުރީ، އާންމުންނަށް ހުޅުވާލައިގެން ލިބުނު މަޢުލޫމާތާއި ފުލުހުން ހެދި ކްރޮސް މެޗްތަކުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ށ ށ
އެގަރާޖުހިންގި ފަރާތެއްގެ ނަން ހާމަކުރަން ނުކެރިގެން ތިއުޅެނީ ކީއްވެ؟