ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯން، ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ދާނެ ކަމަށް މުނިފޫހި ފިލުވުމުގެ ޚަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
ގަތަރުގައި ކުރިއަށް ދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން ގެ އިތުރުން އެކި ކަންކޮޅު ތަކުން ގިނަ އަދަދެއްގެ ސެލެބްރިޓީން ބައިވެރިވާނެއެވެ. ވޯލްޑް ކަޕްގެ ތަށި ދައްކާލުމުގެ ޝަރަފު އޮތީ ދީޕިކާގެ އަތުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ މި މަހުގެ 18 ކުޅޭ މުބާރާތުގެ ފައިނަލް މެޗްގެ ކުރިން ވޯލްޑް ކަޕްގެ ޓްރޮފީ ދައްކައިލަން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި އެ މެޗު ބަލާލުމަށް ގަތަރަށް ގޮސް އިންޑިއާ ތަމްސީލްކުރުމަށް ދީޕިކާގެ ފިރިމީހާ ރަންވީރަށް ވެސް ވަނީ ދައުވަތު ދީފައެވެ. އެހެން ކަމުން ދެމަފިރިން ރަސްމިއްޔާތަށް ދާނީ އެކުގައި ކަމަށްބެލެވެއެވެ. އެ ދަތުރުގައި ފުޓްބޯޅައިގެ މަޝްހޫރު ތަރިންނާ އޭނާ ބައްދަލު ކުރާނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
ދީޕިކާ ވަނީ މި އަހަރުގެ ކާން ފިލްމު ފެސްޓިވަލުގައި އިންޑިއާ ތަމްސީލު ކޮށްފައެވެ. ލުއީ ވިޓޯން، އެޑިޑާސް، ލީވައިސް އަދި ކާޓިއޭ ފަދަ ބޮޑެތި ބްރޭންޑުތަކުގެ އެމްބެސެޑަރުކަން ވެސް ކުރާ ދީޕިކާގެ މަސައްކަތަށް ބަލާއިރުގައި އޭނާގެ ދެ ފިލްމެއް ކުރިއަށް އެބައޮތެވެ. އެގޮތުން "ބާހޫބަލީ" ގެ ތަރި ޕްރަބާސްއާ އެކީ ކުޅޭ "ޕްރޮޖެކްޓް ކޭ" އާއި ރިތިކް ރޯޝަނާ އެކީ ކުޅޭ "ފައިޓާ" އަދި ޝާހުރުކް ޚާން އާއި އެކުގައި ފެނިގެންދާނެ ފިލްމް "ޕަޓާން" ހިމެނެއެވެ.