މި ނޮވެމްބަރުމަހުގެ 27 ގައި އެފްއޭއެމް ފައުންޑޭޝަން ލޯންޗް ކުރުމަށް ނިންމާފައިވާކަމަށް ފުޓްބޯޅަ އެސޯއިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
ކޮންމެ ހަފްތާއަކު އެފްއޭއުމުން ފޭސްބުކް ލައިވް މެދުވެރިކޮށް ގެނެސްދޭ ޓޯކް ޝޯ "ލެޓްސް ޓޯކް ފުޓްބޯލް" ގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ހެޑް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް، މަރިޔަމް އަންޖުމް އަފްޒަލް ވިދާޅުވީ ފައުންޑޭޝަންގެ މަސައްކަތަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީޖްގެ އިސްނެންގެވުމުގެ މަތިން އޭއެފްސީގެ ވަރަށް ހާއްސަ އެހީއާއެކު އެކު ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
އަދި ކުޅިވަރު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް އެއް ކުޑައެއްގެ ދަށަށް ގެނެސް އެ މަސައްކަތް އިތުރަށް ފުޅާ ކުރުމަކީ މި ފައުންޑޭޝަންގެ އެއް އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ. އެފްއޭއެމް ފައުންޑޭޝަންގެ އަމާޒަކީ ކުޑަކުދިންނާއި ޒުވާނުން އަދި ވަކިން ހާއްސަކޮށް މުޖުތަމައުގެ މާބޮޑު އަޅާލުމެއް ނުލިބި ބާކީވެގެންދާ ކުދިންވެސް ފައުންޑޭޝަންގެ ހަރަކާތްތަކުގައި ބައިވެރިކުރުމެވެ.
އެފްއޭއެމް ފައުންޑޭޝަންގެ ޕްރޮގްރާމްތައް ރޭވިފައިވާނީ އދ. ގެ ސަސްޓެއިނަބަލް ޑިވޮލޮޕްމަންޓް ގޯލް، ފުޓްބޯޅައިގެ ތެރެއިން ހާސިލް ކުރުމަށް އަމާޒު ހިފައިގެން ކަމަށާއި، މި ޕްރޮގްރާމް ޑިޒައިންކޮށްފައިވާނީ އެ ކަންކަން ހާސިލްވާނެ ގޮތްތަކަށް ވިސްނައިގެން ކަމަށްވެސް އަންޖުމް ވިދާޅުވިއެވެ.
އެފްއޭއެމް ފައުންޑޭޝަނުން ކުރިޔަށް ގެންދާނެ ހަރަކާތްތަކާ ގުޅޭ ގޮތުން އޭއެފްސީގެ ކޮންސަލްޓެންޓަކާއި މަޝްވަރާ ކޮށް ވަރަށް ރަނގަޅު ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި، އެފްއޭއެމްގެ ވަކި ފުޓްބޯލް ސޯޝަލް ކަލަނޑަރެއްވެސް އެކުލަވާލާ ނިމިފައިވާ ކަމަށްވެސް އަންޖުމް ވިދާޅުވިއެވެ. ފީފާ އާއި އޭއެފްސީގެ މެންބަރު އެސޯސިއޭޝަންތަކާއި ފުޓްބޯޅަ ކުޅޭ ފަރާތްތަކުގެ ބައިވެރިވުންވެސް މި މަސައްކަތުގައި ލިބިގެންދާ ކަމަށް އަންޖުމް ފާހަގަ ކުރެއްވިއެވެ.
އެފްއޭއެމް ފައުންޑޭޝަން ލޯންޗް ކުރުމަށްފަހު ފައުންޑޭޝަންގެ ހަކަރާތްތައް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިޔަށްދާނެއެވެ.