ގދ. ފަރެސް މާތޮޑާ ބާޚިރާ ދޯނިން އެއް ދުވަސްތެރޭގައި އެންމެ ގިނަ މަސް ބޭނި ރެކޯޑު ހޯދައިފިއެވެ.
މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ ބާޚިރާ ދޯނިން މިއަދު ކޫއްޑޫ ފިޝަރީޒު ކޮމްޕްލެކްސްއަށް 58.6 ޓަނުގެ މަސް ބާނާފައިވާ ކަމަށެވެ. އެ ދޯނިން ކިރުވި މަހުގެ އަގަށް 996,034ރ. ޖެހުނެވެ.
މިފްކޯއިން ވަނީ މި ކާމިޔާބީއަށް އެ ދޯނީގެ ފަޅުވެރިންނާއި ކެޔޮޅަށް މަރުހަބާ ކިޔާފައެވެ. އެއް ދުވަހުގެ ތެރޭގައި އެ މިފްކޯއަށް މަސްކިރައިގެން ރެކޯޑް އަދަދެއްގެ އާމްދަނީއެއް ބާޙިރާ ދޯނިން މީގެ ކުރިން ވެސް ވަނީ ހޯދާފަ އެވެ. މިދިޔަ އޮކްޓޫބަރުގެ ތެރޭގައި އެ ދޯނިން ވަނީ 51.9 ޓަނުގެ މަސް ކިރައި 882،674 ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ.
އިއްޔެ ގދ. ފަރެސްމާތޮޑާ އިން މަހަށް ނިކުތް ބާޚިރާ ދޯނިން ވަނީ 58.6 ޓަނުގެ މަސް ކޫއްޑޫއަށްކިރުވައި، އެއްދުވަހެއްގެ ދޯށީގެ މަސްވެެރިކަމުގެ އާ ރިކޯޑެއް ހަދާފައި. މިމަސްކިރުވައި ބާޚިރީ ދޯނިން ވަނީ 996,034ރ ގެ އާމްދަނީ އެއް ހޯދާފައި. ދޯނީގެ ފަޅުވެރިންނާއި ކެޔޮޅަށް މަރުހަބާ! pic.twitter.com/8LhjlHElsU
— MIFCO (@mifcomv) December 3, 2022
މީގެ ކުރިން މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސް ކިރާފައިވާ ދޯންޏަކީ ގދ. މަޑަވެލީގެ "ޓީއެސް ލައިން" އެވެ. އެ ދޯނިން ކޫއްޑު އަށް ސެޕްޓެމްބަރު މަހު ވަނީ 57.1 ޓަނު މަސް ކިރުވާފައެވެ. އެ މަހުގެ އަގަކީ 971،584 ރުފިޔާ އެވެ. އެ ރެކޯޑް ބާޙިރާ ދޯނިން މިހާރު ވަނީ މުގުރާލާފައެވެ.
ރާއްޖޭގެ މަސްވެރިކަން މި ދުވަސްވަރު ވަނީ ރަނގަޅުވެފަ އެވެ. ނަމަވެސް މަސްވެރިންގެ ކަންބޮޑުވުމަކީ މަހަށް ހަމައަނގު ނުލިބުމެވެ. އަދި އައިސް ހޯދަން ދަތިތައް ކުރިމަތިވެގެން މަސްވެރިން އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.