ކައިވެނިން ބޭނުން ޖިންސީގުޅުން ހިންގާ ފަރާތްތައް ޖަލަށް ލާގޮތަށް އިންޑޮނޭޝިއާގައި ގާނޫނު އިސްލާހު ކުރަނީ

ކައިވެނިން ބޭނުން ޖިންސީގުޅުން ހިންގާ ފަރާތްތައް ޖަލަށް ލާގޮތަށް އިންޑޮނޭޝިއާގައި ގާނޫނު އިސްލާހު ކުރަނީ

އިންޑޮނޭޝިއާގައި ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގާ މީހުންނަށް އެއް އަހަރުދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހުން ތައްޔާރު ވެއްޖެއެވެ.

ގާނޫނުހަދާ މަޖިލިހުގެ ބައެއް ފަރާތްތަކުން ބައެއް މީޑިއާތަަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ގާނޫނުއުގޫބާތަށް ގެނައުމަށް މިހާރު ތައްޔާރުވެފައިވާ މި އިސްލާހު އަންނަ ހަފްތާގެ ކުރީކޮޅު މަޖިލިހުން ފާސްވެގެންދާނެކަމަށް އުއްމީދު ކުރެވެއެވެ.

މިގާނޫނު ފާސްކޮށްފިނަމަ، ގާނޫނު އެގައުމުގެ ރައްޔިތުންގެ އިތުރުން އިންޑޮނޭޝިއާގައި ދިރިއުޅޭ އެހެންގައުމުތަކުގެ މީހުންގެ މައްޗަށްވެސް ހިގާނެއެވެ.

ގާނޫނުލްއުގޫބާތަށް މިގެނެވޭ އިސްލާހުގައި ވާގޮތުން، ނުހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގާ ފަރާތްތަކަށް ޖަލު އަދަބު ދިނުމަށް ހަމަޖެހިފައިވަނީ، މިފަދަ ކުށެއް ކޮށްގެން މުވައްސަސާތަކަށް މައްސަލަ ހުށަހަޅައިފިނަމައެވެ.

ގާނޫނުގައި ވާގޮތުން، މީހުންނާއި އިދެގެން އުޅޭ މީހުންނަށް އަނބިމީހާ ނުވަތަ ފިރިމީހާ ނުހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގައިގެން މައްސަލަ ހުށަހެޅޭނެއެވެ. އަދި އޭގެ އިތުރުން މީހުންނާ ނުއިދެ ތިބޭ މީހުންގެ މައިންބަފައިނަށްވެސް ނުހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގާ މައްސަލަ ކަމާއިބެހޭ މުއައްސަސާތަކަށް ހުށަހެޅުމުގެ ފުރުސަތު ލިބިދީފައި އޮވެއެވެ.

މީގެ އިތުރުން ކައިވެނި ނުކޮށް އެކީގައި އުޅުންވެސް ގާނޫނަށް ގެނެވޭ އިސްލާހުން މަނާ ކުރެވިގެން ދާނެއެވެ. މިގޮތުން ކައިވެނި ނުކޮށް އެކީގައި ދިރިއުޅޭނަމަ 6 މަސްދުވަހުގެ ޖަލު ހުކުމަކާއި ކުރިމަތިލާން ޖެހޭނެއެވެ.

ރޮއިޓާސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުގެ ސަރުކާރުން ގާނޫނުލް އުގޫބާތަށް މިގެންނަ އިސްލާހުގެ ސަބަބުން، އެގައުމަކީ ޗުއްޓީ ހޭދަކުރުމަށް މަޝްހޫރު މަންޒިލެއްގެ ގޮތުގައި އޮންނަ އޮތުމަށާއި އޭގެ އިތުރުން އިންވެސްޓްމަންޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި އޮންނަ އޮތުމަށް ނޭދެވޭ އަސަރު ކޮށްފާނެކަމުގެ ކަންބޮޑުވުން ވިޔަފާރި ގުރޫޕުތަކުން ވަނީ ފާޅު ކޮށްފައެވެ.

އިންޑޮނޭޝިއާއިން 2019ވަނަ އަހަރުވެސް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް މަސައްކަތް ކޮށްފައިވެއެވެ. އެހެންނަމަވެސް އެފަހަރު އިސްލާހު މަޑުޖައްސަލަންޖެހުނީ އެތައްހާސް ބަޔަކު އެގައުމުގެ އެކި ހިސާބުތަކުގައި ފެށި މުޒާހިރާތަކުގެ ސަބަބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *