މެޗުގެ އިތުރު ވަގުތުގައި ގޯލު ޖަހައި ފަހަތުން އަރައި ޕޯޗުގަލް 2-1 އިން ބަލިކޮށް، ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ޖާގައެއް ދެކުނު ކޮރެއާ އިން ހޯދައިފިއެވެ.
ރޭގެ މެޗަށް ނުކުތުމުގެ ކުރިން ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވެފައި، އޮތުމުން ޕޯޗުގަލް އިން މި މެޗަށް ނުކުތީ އެ ޓީމުގެ ފުރަތަމަ އެގާރަ އަށް ހަ ބަދަލެއް ގެނެސްގެންނެވެ. އެ ގޮތުން ޑިއޯގޯ ޑަލޯ، އެންޓޯނިއޯ ސިލްވާ، ޖޮއާއޯ މާރިއޯ، ވިޓިނިއާ، މެތިއުސް ނޫނޭސް އަދި ރިކާޑޯ ހޯޓާ އަށް ކޯޗު ވަނީ ފުރުސަތު ދީފައެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ޕޯޗުގަލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި މި ލަނޑު ޕޯޗުގަލްއަށް ކާމިޔާބު ކޮށްދިނީ ރިކާޑޯ ހޯރްޓާއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮރެއާއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިމް ޔޮން ހުވަންއެވެ.
މެޗުގެ ދެވަނަ ހާފުގައި، ޕޯޗުގަލުން ކޮރެއާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ހާއްސަކޮށް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ލީޑު ކޮރެއާއިން ނެގީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ހުވަންގް ހީ ޗާންއެވެ.
މީގެ އިތުރުން ގްރޫޕް ޖީގައި އުރުގުއޭއިން ވަނީ ގާނާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގެ 21 ވަނަ މިނެޓުގައި ގާނާއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ގާނާގެ އާޔޫ ފޮނުވާލި ޕެނަލްޓީ އުރުގުއޭ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ހަ މިނެޓު ފަހުން އުރުގުއޭއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޖިއަން ޑަ އެރިސްކާޓާއެވެ. އަދި އޭގެ ހަ މިނެޓު ފަހުން އުރުގުއޭއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވެސް އެރިސްކާޓާއެވެ.
މި ނަތީޖާތަކާއެކު ޕޯޗުގަލުން ގްރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ކޮރެއާ އާއި ތިންވަނައިގައި އޮތް އުރުގުއޭއަށްވެސް ތިން މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ. ކޮރެއާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
މިއީ އެއް ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން އޭޝިއާގެ ތިން ޓީމަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ދެކުނު ކޮރެއާގެ އިތުރުން ޖަޕާން އާއި އޮސްޓްރޭލިއާ އިން ވެސް ވަނީ ދެ ވަނަ ބުރުގެ ޖާގަ ހޯދާފައެވެ.