ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގެ ފަހު މެޗުގައި ވަރުގަދަ ސްޕެއިން ބަލިކޮށް ޖަޕާނުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރިއިރު، ކޮސްޓަ ރީކާ އަތުން މޮޅިވި ނަމަވެސް ޖަރުމަން މުބާރާތުން ކަޓައިފިއެވެ.
މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސްޕެއިން ދެވަނަ ބުރަށް ދަތުރުކުރީ ޕޮއިންޓްގެ ގޮތުން ޖަރުމަނާ އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން އެ ޓީމަށް ކުރި ލިބޭތީއެވެ. އަނެއްކޮޅުން މިއީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ.
ރޭ ސްޕެއިންގެ މައްޗަށް ޖަޕާނުން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މުޅި މެޗު ކަހަލަ ގޮތަކަށް ސްޕެއިނުން ޑޮމިނޭޓުކުރި މި މެޗުގެ 11 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. މި ލަނޑަށްފަހުވެސް އެ ޓީމަށް ވަނީ މި ހާފުގައި ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޖަޕާނުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ރިޓްސޯ ޑޯންއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޖަޕާނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އެއޯ ޓަނަކައެވެ.
މި ލަނޑާއެކު ސްޕެއިނުން ވަނީ ކުރިއަށްޖެހި ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. އެކަމަކު އެ ޓީމުން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ޖަޕާނުގެ ޑިފެންޑަރުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.
މީގެ އިތުރުން މި ގްރޫޕްގައި ޖަރުމަނާއި ކޮސްޓަ ރީކާ ބައްދަލުކުރި މެޗު ޖަރުމަނުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 10 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑު ޖަހާ ލީޑު ނަފާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސާޖް ގްނެބްރީއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ޖަރުމަނުން ވަނީ ކޮސްޓަ ރީކާ ހާފަށް ބާރުބޮޑުކޮށްފައެވެ. އެކަމަކު މެޗުގެ 58 ވަނަ މިނެޓުގައި ކޮސްޓަ ރީކާއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔެލްސްޓިން ޓިހެޑާއެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި ކޮސްޓަ ރީކާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުވާން ވާގަސްއެވެ.
އެކަމަކު އޭގެ ތިން މިނެޓު ފަހުން ކައި ހާވަޓްސް ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި މެޗުގެ 85 ވަނަ މިނެޓުގައި ހާވަޓްސް ވަނީ އިތުރު ލަނޑެއް ޖަހާ ޖަރުމަނަށް ލީޑު ނަގާދީފައެވެ. މެޗުގެ 89 ވަނަ މިނެޓުގައި ޖަރުމަނުގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނިކްލަސް ފުލްކްރަގްއެވެ.
މި ނަތީޖާތަކާއެކު ޖަޕާނަށް ގްރޫޕްގެ އެއްވަނަ ލިބެނީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސްޕެއިންއާ ތިންވަނައިގައި އޮތް ޖަރުމަނަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ސްޕެއިންއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ގްރޫޕްގެ ފުލުގައި އޮތް ކޮސްޓަ ރީކާއަށް ތިން މެޗުން ލިބުނީ ތިން ޕޮއިންޓެވެ.