ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ބެލްޖިއަމް މުބާރާތުން ކެޓިއިރު، ކެނަޑާ އަތުން 2-1 އިން މޮޅުވެ، މޮރޮކޯ އިން 36 އަހަރަށް ފަހު ވޯލްޑް ކަޕްގެ ނޮކައުޓް ބުރުން ފުރުސަތު ހޯދައިފިއެވެ.
މިއީ 1986 ވަނަ އަހަރުގެ ފަހުން މޮރޮކޯއިން މި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމުން މީގެ ކުރިން ހަ ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވެއެވެ.
މި މެޗު ފަށައިގެން ދެވަނަ މިނެޓުގައި މޮރޮކޯއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ކެނެޑާގެ ކީޕަރު މިލާން ބޯޖަންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މި ލަނޑު މޮރޮކޯއަށް ކާމިޔާބު ކޮށްދިނީ އިތުބާރު ކުޅުންތެރިޔާ ހަކީމް ޒިޔެޝްއެވެ.
މި ލަނޑަށްފަހުވެސް މޮރޮކޯއިން ވަނީ ކެނެޑާގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި މޮރޮކޯއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އަޝްރަފް ހަކީމީގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔޫސުފް އެން ނެސޭރީއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެނެޑާއިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މިއީ މޮރޮކޯ ނާއިފް އަގުއާޑްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގައި ކެނެޑާއިން ވަނީ މޮރޮކޯގެ ހާފަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު މި ހަމަލާތައް ދިފާއު ކުރުމުގައި މޮރޮކޯގެ ޑިފެންޑަރުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.
މީގެ އިތުރުން ރޭ ކްރޮއޭޝިއާ އާއި ބެލްޖިއަމް ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ކާމިޔާބުކޮށް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ބެލްޖިއަމަށް އޮތެވެ. އަނެއްކޮޅުން މި މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު ކްރޮއޭޝިއާއަށް އޮތެވެ.
ގިނަ ބަދަލުތަކަކާއެކު ބެލްޖިއަމް ޓީމުން މި މެޗަށް ނުކުތްއިރު، މި މެޗުގެ ފަހު ހާފުގައި ބެލްޖިއަމުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ރޮމެލޫ ލުކާކޫއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ގްރޫޕްގެ އެއްވަނަ މޮރޮކޯއަށް ލިބުނީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ކްރޮއޭޝިއާއަށް ތިން މެޗުން ލިބުނީ ފަސް ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ބެލްޖިއަމަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބުނުއިރު، ފުލުގައި ކެނެޑާ އޮތީ ތިން މެޗުން ޕޮއިންޓެއް ނުލިބިއެވެ.
ކޮމެންޓު ފޮނުވާ