ރަޝިއާއިން ޔޫކުރެއިންގެ ހަކަތަ އުފައްދާ ކާރުޚާނާތަކަށް އަމާޒުކޮށް ދެމުންދާ އަސްކަރީ ހަމަލާތަކާއި ގުޅިގެން، ވިންޓަރގެ ގަދަ ފިނީގައި ޔޫކުރެއިންގެ އެތައް މިލިއަން ރައްޔިތުން ކަރަންޓާއި ފެނުން މަހުރޫމެވެ ތިބެން ޖެހިއްޖެއެވެ.
މިގޮތުން މިހާރު ޔޫކުރެއިންގެ ވެރިރަށް ކީވްއަށް ސްނޯ ފައިބަން ފަށާފައިވާއިރު، އެ ސިޓީގެ ފިނިމިން ވަނީ ފްރީޒިންގ ޓެމްޕަރޭޗަރއަށްވުރެ ދަށަށް ގޮސްފައެވެ. ފިނިހޫނުމިން އާދަޔާ ޚިލާފަށް ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ދަށަށް ދާނެކަމަށް ލަފާ ކުރެވޭއިރު، ވެރިރަށް ކީވްއާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދު ތަކުގައި ޔޫކުރެއިންގެ 2.8 މިލިއަން މީހުން ކަރަންޓާއި ފެނުންވަނީ މަހުރޫމް ވެފައެވެ.
އެހެންނަމަވެސް ޔޫކުރެއިންގެ ވެރިރަށް ކީވްގެ މޭޔަރ ވިޓާލި ކުލިސްޗޯވް ވިދާޅުވެފައިވަނީ ކީވް ސިޓީގެ ހުރިހާ ގެތަކަށްވެސް މިހާރު ފެން ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާއިރު، %90 ގެތަކަށް ހޫނުފެން ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ވާކަމުގައެވެ.
އެހެންނަމަވެސް ސިޓީ ހަތަރުބައި ކޮށްފަ އެއްބައިގެ ރައްޔިތުން އަދިވެސް ތިބީ ކަރަންޓުން މަހުރޫމްވެފައި ކަމުގައި ކުލިސްޗޯވް ވިދާޅުވެފައި ވެއެވެ. މިގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ކީވްއަށް ވަރަށް ބޯކޮށް ސްނޯ ވެހޭނެކަމަށް ލަފާ ކުރެވިފައިވާއިރު، ވަރިކަންކުރާ ކީވްގެ މަސައްކަތްތެރިން އެ ސިޓީގައި އަސާސީ ޚިދުމަތްތައް ގާއިމް ކުރުމަށް އަވަދިނެތި މަސައްކަތް ކުރަމުންދާ ކަމުގައި މީވްގެ މޭޔަރު މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.
ކީވް ސިޓީގައި އަސާސީ ޚިދުމަތްތައް ގާއިމް ކުރުން ލަސްވެގެންދާތީ އެގައުމުގެ ރައީސް ޒެލެންސްކީވަނީ މޭޔަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މިއަހަރު ފެބްރުއަރީމަހު ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިފަހުން މިހާތަނަށް 9 މަސް ފާއިތުވެގެން ގޮސްފައިވާއިރު އެއްވެސް ގައުމަކަށް މިހަގުރާމާގައި މާ ބޮޑު ކުރިއެރުންތަކެއް ހޯދިފައެއް ނުވެއެވެ. އަދި ރަޝިއާއަށް ވަނީ ހަގުރާމާގައި ބޮޑެތި ނާކާމިޔާބީތަކާއި ކުރިމަތިލާން ޖެހިފައެވެ.
ކޮމެންޓު ފޮނުވާ