މެލޭޝިއާގެ އާ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި، މެލޭޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މެލޭޝިޔާގެ އާ ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި މެލޭޝިޔާގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ފާއިތުވެދިޔަ ހަފްތާގައި މެލޭޝިއާގައި ބޭއްވުނު އާންމު އިންތިޚާބުގައި ގާނޫނުހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އަންވަރު އިބުރާހިމްގެ ޕަކަތަން ހަރަޕަން (PH) ކޯލިޝަންއެވެ. އެހެންނަމަވެސް މި އިންތިޚާބުގައި ވަކި އެއްވެސް ޕާޓީއަކަށް ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ ހޯދިފައެއް ނުވެއެވެ. މެލޭޝިއާގެ ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ ވަކީ ޕާޓީއަކަށް ލިބުމަށް، 222 ގޮނޑީގެ ތެރެއިން 112 ގޮނޑި ކާމިޔާބު ކުރަން ޖެހެއެވެ.
1990ގެ ކުރީކޮޅު މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ޖަލަށް ލެވުނުގޮތަށް، ގިނަ ތުހުމަތުތަކާއެކު އެތަކެއް އަހަރުތަކެއް ޖަލުގައި ހޭދަ ކުރެއްވުމަށްފަހު، އެންމެ ފަހުން ބޭއްވުނު އާންމު އިންތިޚާބު ކާމިޔާބުކުރައްވާ، މެލޭޝިއާގެ 10ވަނަ ބޮޑުވަޒީރުކަމުގެ ހުވާ އަންވަރު ކުރައްވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.