އަންވަރު އިބުރާހިމް ބޮޑުވަޒީރުކަމުގެ މުސާރަ ނުނެންގެވުމަށް ނިންމަވައިފި

އަންވަރު އިބުރާހިމް ބޮޑުވަޒީރުކަމުގެ މުސާރަ ނުނެންގެވުމަށް ނިންމަވައިފި

ގުޅުންހުރި

މެލޭޝިއާގައި އެންމެ ފަހުން ބޭއްވުނު އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެގައުމުގެ 10 ވަނަ ބޮޑުވަޒީރުކަމަށް، މެލޭޝިއާގެ ރަސްގެފާނު، ކިންގ އަބުދުﷲ ސުލްތާން އަހުމަދު ޝާހު އައްޔަން ކުރެއްވި އަންވަރު އިބުރާހިމް އޭނާގެ ބޮޑުވަޒީރުކަމުގެ މުސާރަ ނުނެއްގެވުމަށް ނިންމަވައިފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ މުސާރައަކީ މަހަކު 17 ހާސް ޑޮލަރެވެ. ނުވަތަ 80 ހާސް ރިންގިޓެވެ.

މެލޭޝިއާގެ އިންފްލޭޝަން މަތިވެ، އާންމު ތަކެތީ އަގު އުފުލި، އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ އިގްތިސާދީ ގޮންޖެހުންތަކާއި ގުޅިގެން، އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ މުސާރަ ނުނެންގެވުމަކީ އަންވަރުގެ އިންތިޚާބީ ވައުދެކެވެ. އަދި މިހާރު އާ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ އަންވަރު އިބުރާހިމް ވިދާޅުވެފައިވަނީ، އިގްތިސާދީގޮތުން ދަތި މި ދަނޑިވަޅުގައި ކެބިނެޓް މިނިސްޓަރުންވެސް ފުލް މުސާރަ ނުނަންގަވާނެ ކަމަށް އޭނާ އުއްމީދު ކުރައްވާކަމުގައެވެ.

1990ގެ ކުރީކޮޅު މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ޖަލަށް ލެވުނުގޮތަށް، ގިނަ ތުހުމަތުތަކާއެކު އެތަކެއް އަހަރުތަކެއް ޖަލުގައި ހޭދަ ކުރެއްވުމަށްފަހު، އެންމެ ފަހުން ބޭއްވުނު އާންމު އިންތިޚާބު ކާމިޔާބުކުރައްވާ، މެލޭޝިއާގެ 10ވަނަ ބޮޑުވަޒީރުކަމުގެ ހުވާ އަންވަރު ކުރައްވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ފާއިތުވެދިޔަ ހަފްތާގައި މެލޭޝިއާގައި ބޭއްވުނު އާންމު އިންތިޚާބުގައި ގާނޫނުހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އަންވަރު އިބުރާހިމްގެ ޕަކަތަން ހަރަޕަން (PH) ކޯލިޝަންއެވެ. އެހެންނަމަވެސް މި އިންތިޚާބުގައި ވަކި އެއްވެސް ޕާޓީއަކަށް ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ ހޯދިފައެއް ނުވެއެވެ. މެލޭޝިއާގެ ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ ވަކީ ޕާޓީއަކަށް ލިބުމަށް، 222 ގޮނޑީގެ ތެރެއިން 112 ގޮނޑި ކާމިޔާބު ކުރަން ޖެހެއެވެ.

އިންތިޚާބަށްފަހު އަންވަރު އިބުރާހިމްގެ ޕަކަތަން ހަރަޕަން (PH) އާއި، ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި، ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސިންގެ މެލޭ-މުސްލިމް ޕެރިކަތަން ނޭޝަނަލް (PN) ކޯލިޝަންއިންވެސް ވަނީ ސަރުކާރެއް އުފެއްދުމަށް ކުދި ޕާޓީތަކާ މަޝްވަރާތައް ކޮށްފައެވެ.

އެހެންނަމަވެސް ދެ ކޯލިޝަނުންކުރެ އެއްވެސް ކޯލިޝަންއަކަށް މިމަޝްވަރާތަކުން އަލިމަގެއް ފެނިގެން ނުދިއުމުން މެލޭޝިއާގެ ރަސްގެފާނު، ކިންގ އަބުދުﷲ ސުލްތާން އަހުމަދު ޝާހު ވަނީ އަންވަރު އިބުރާހިމްގެ އިތުރުން މުހުޔިއްދީންއާއި އަދި އަލަށް އިންތިޚާބުވި މެމްބަރުންނާވެސް ބައްދަލު ކުރައްވާ، ކުރިޔަށްދާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު އާ ސަރުކާރު އެކުލަވާލެއްވުމުގެ ފުރުސަތު އަންވަރު އިބުރާހިމަށް ދެއްވާފައެވެ.

އަންވަރު އިބުރާހިމް އޭނާގެ ސިޔާސީ ހަޔާތް ފައްޓަވާފައިވަނީ 1971 ވަނަ އަހަރު އޭނާ އުފެއްދެވި މުސްލިމް ޔޫތު މޫވްމަންޓް އޮފް މެލޭޝިއާއިންނެވެ. އޭގެފަހުން އޭނާވަނީ އެގައުމުގެ ރަށްފުށު ހިސާބުގައި އޮތް ފަގީރުކަމާއި، އަދި އިޖުތިމާއީ އިގްތިސާދީ ހާލަތާއި ދެކޮޅަށް، އިސްކޮށް ހުންނަވާ ހަރަކާތްތައް ހިންގަވާފައެވެ.

އެއަށްފަހު އޭނާ ހިންގަވަން ފެއްޓެވި ސިޔާސީ ހަރަކާތްތަކަށް އެންމެ ބޮޑު ސަމާލުކަމެއް ދިނީ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުއެވެ. އަދި ފަހުން މަތީރު ވަނީ އޭރު އޭނާ ލީޑަރުކަން ކުރައްވަމުން ގެންދެވި މެލޭސް ނޭޝަނަލް އޯގަނިޒޭޝަން (އަމްނޯ) އާއި ގުޅުމަށް އަންވަރަށް ހިތްވަރު ދެއްވާފައެވެ.

އަމްނޯއަކީ 1957 ވަނަ އަހަރު މެލޭޝިއާއަށް މިނިވަންކަން ލިބުނު ފަހުން 2018ވަނަ އަހަރުގެ އިންތިޚާބުން އެޕާޓީ ބަލިވުމާއި ހަމައަށް މެލޭޝިއާގައި ވެރިކަން ކޮށްފައިވާ ޕާޓީއެވެ.

އެއަށްފަހު އަންވަރު ވަނީ ސަރުކާރުގެ ތަފާތު މަގާމްތަކުން ކުރު މުއްދަތެއްގައި ކުރިޔަށް ވަޑައިގެން، މާހާތީރުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަމާއި އަދި އެންމެ ފަހުން ބޮޑުވަޒީރުގެ ނާއިބުކަންވެސް ކުރައްވާފައެވެ.

އެހެންނަމަވެސް 90ގެ އަހަރުތަކުގައި އައި އޭޝިއަން ފައިނޭޝަލް ކްރައިސިއްގައި، އޭރުގެ ބޮޑުވަޒީރު މަހާތީރު ވަނީ އޭނާއަށްފަހު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެކަމަށް ބެލެވެމުން އައި އަންވަރު މަގާމުން ދުރުކޮށް، ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި އަދި ކޮރަޕްޝަންގެ ތުހުމަތުގައި 1998 ވަނައަހަރު އޭނާ ޖަލަށް ލައްވާފައެވެ.

އެއަށްފަހު އަންވަރުވަނީ 10 އަހަރު ޖަލުގައި ހޭދަ ކުރައްވާފައެވެ. އޭނާ ޖަލުން މިނިވަން ކޮށްފައިވަނީ 2018ވަނަ އަހަރުގެ އާންމު އިންތިޚާބުގައި، އޭރު މަހާތީރު އިސްވެ ހުންނަވާ ކުރެއްވި ކެމްޕޭންގައި އިދިކޮޅު ފަރާތްތަކަށް އިންތިޚާބު ކާމިޔާބު ކުރެވުމާއި ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ