ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ޢައްޔަންކުރެއްވި، އައްބާސް ފާއިޒް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
އައްބާސް ރައީސް ނަޝީދާއި ބައްދަލުކުރައްވާފައި މިވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ޝަރީޢަތް ދިގުލައިގެން ދާތީ ޖުޑީޝަރީ ކޮމިޓީގައި އައްބާސް ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހުއެވެ. އައްބާސް ވަނީ ޝަރީޢަތް ދިގުަލައިގެން ދިއުމަކީ އިންސާފަށް އޮތް ހުރަހެއްކަަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ކުރިޔަށްދާ ތަޙުޤީޤު ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ޢައްޔަންކުރެއްވި، އައްބާސް ފާއިޒް ނަޝީދާއި ބައްދަލުކުރައްވާފައިވަނީ މަޖިލީހުގެ އިދާރާގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ކުރިޔަށްދާ ތަޙުޤީޤު ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ޢައްޔަންކުރެއްވި، އައްބާސް ފާއިޒް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ބައްދަލުކުރައްވައިފި pic.twitter.com/g7EU1ZdFDw
— People's Majlis (@mvpeoplesmajlis) November 23, 2022
އައްބާސް މީގެ ކުރިން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް އަހަރު ދުވަސްވީއިރު، މި ޙަމަލާއާ ގުޅިގެން ތަހުޤީޤު މަރުހަލާގެ ކަންކަން ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ގެންގޮސްފައިވާކަމަށެެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރުވެސް މި ޙަމަލާއަށް ފަންޑު ކުރި މީހުން ހޯދުމުގައި އެދެވޭ ކުރިއެރުންތަކެއް ހޯދިފައިނުވާކަމަށް ވިދާޅުވެ، އައްބާސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އައްބާސް ވިދާޅުވީ، އޭނާއާ ޙަވާލުކޮށްފައިވާ މަސައްކަތް ކުރުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރުގެ ފުރިހަމަ އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުންދާކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައީސް ނަޝީދަށް ދިން ޙަމަލާގައި ބައިވެރިވި މީހުންގެ ތަޙުޤީޤު މަރުޙަލާތަކާއި، ދަޢުވާ އުފުލުމާއި، ޝަރީޢަތް ހިންގުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި އަދި ތަފްޞީލީ ރިޕޯޓްތަކެއް ހެދުމަށް މަގުފަހިވެގެންދިޔަކަން ވަނީ ފާހަގަކުރައްވާފައެވެ.
މިހާތަނަށް ބެލި ބެލުމުން ޖިސްމާނީ ހަމަލާގެ ތަޙުޤީޤާއި، މިކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތަޙުޤީޤުތައް ކޮށްފައިވަނީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ތުޙުމަތުކުރެވޭ ފަރާތްތަކާދެކޮޅަށް ހަރުދަނާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ދަޢުވާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށްފައިވާކަމަށާއި، އެމީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކިހުރިތޯ ޕްރޮސިކިއުޓަރ އޮފީހުން ބަލާފައިވާކަމަށް އައްބާސް ވިދާޅުވިއެވެ.
އެހެންނަމަވެސް، މި ޙަމަލާގެ އަސްލު މަޤްޞަދާއި، ހަމަލާ ރާވާ ދިނުމުގައި އެންމެ އަޑީގައި ތިބި، އަދި މިކަމަށް ޚަރަދުކުރި މީހުން މިހާތަނަށްވެސް ހޯދިފައިނުވާތީ، އެކަމުގެ ކަންބޮޑުވުން އައްބާސް ފާޅުކުރައްވާފައިވެއެވެ. އެހެންކަމުން ފުލުހުން ކުރަމުންދާ މަސައްކަތްތައް ދެގުނައަށް އިތުރުކޮށް، ތަޙުޤީޤުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ފުޅާކުރަންޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޙަމަލާގެ އަޑީގައި ތިބި، އަދި މިކަމަށް ޚަރަދުކުރި މީހުން ހޯދުމަކީ މިފަދަ ޙަމަލާއަކުން ކުރިއަށްއޮތްތަނުގައި ސިޔާސީ ފަރާތްތަކާއި، އަދި އާއްމު ރައްޔިތުން ރައްކާތެރިކޮށްދޭނެ ކަމެއްކަމަށް އައްބާސް ވިދާޅުވިއެވެ.