ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒް އަލް ސައުދު

އާޖެންޓީނާގެ މައްޗަށް ހޯދި ކާމިޔާބާއި ގުޅިގެން މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސައުދީ ރަސްގެފާނު ހަމަޖައްސަވައިފި

އާޖެންޓީނާގެ މައްޗަށް ހޯދި ކާމިޔާބާއި ގުޅިގެން މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސައުދީ ރަސްގެފާނު ހަމަޖައްސަވައިފި

މިހާރު ޤަތަރުގައި ކުރިޔަށްދާ ވާރލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ގަދަފަދަ އާޖެންޓީނާގެ މައްޗަށް ސައުދީ އަރަބިއާގެ ގައުމީ ޓީމުން ހޯދި ތާރީޚީ މޮޅާއެކު، އަދަކީ ސައުދީ އަރަބިޔާގައި ރަސްމީ ބަންދު ދުވަހެއް ކަމުގައި އެގައުމުގެ ރަސްގެފާނު ކިންގ ސަލްމާން ހަމަޖައްސަވައިފިއެވެ.

ސައުދީ އަރަބިއާގެ ގައުމީ ޓީވީ SPA އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއާގެ ގައުމީ ޓީމުން ހޯދު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން، މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖައްސަވައި ދެއްވުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެދިލެއްވި އެދިލެއްވުން ރަސްގެފާނު ވަނީ ގަބޫލުފުޅު ކުރައްވާފައެވެ.

މިގޮތުން ރަސްގެފާނު ހަމަޖައްސަވާފައިވާ ގޮތުގައި، ސަރުކާރާ އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށްވެސް އަދި އެގައުމުގައިތިބި ހުރިހާ ކިޔަވާކުދިންނަށްވެސް މިއަދަކީ ރަސްމީ ބަންދު ދުވަހެކެވެ. މިގޮތުން ދެން ސައުދީގެ މީހުން ރަސްމީކޮށް މަސައްކަތް ނުކުތުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ އާދީއްތަ ދުވަހުއެވެ.

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ސައުދީ އަރަބިއްޔާ އިން ފަހަތުން އަރައި 2-1 އިން އާޖެންޓީނާ ބަލިކޮށް، ބަލިނުވެ އެ ޓީމުން ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން ގެނެސްފައެވެ.

މި މެޗު ސައުދީން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއުންނެވެ. މުޅި މެޗުކަހަލަ ގޮތަކަށް އާޖެންޓީނާއިން ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، މި މެޗުގެ ވަރަށް ކުރީކޮޅު އާޖެންޓީނާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ.

އޭގެ ފަހުން މެޗުގެ 22 ވަނަ މިނެޓުގައި މެސީ އިތުރު ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ލަނޑު ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއިން އިތުރު ލަނޑެއްވެސް ޖެހިއެވެ. އެހެންނަމަވެސް އެ ލަނޑުވެސް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ސައުދީން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފައެވެ. އެގޮތުން މެޗުގެ 48 ވަނަ މިނެޓުގައި ސައުދީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސަލަޙް އަލް ޝެހޭރީއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ސައުދީއަށް ލީޑު ނަގައިދިނީ ސާލިމް އަލް ދަވްސާރީ ޖަހައިދިން ލަނޑުންނެވެ.

މި މެޗަށް އާޖެންޓީނާއިން ނުކުތްއިރު، އެޓީމުން އެންމެ ފަހުން ކުޅުނު 36 މެޗުން ވެސް ވަނީ މޮޅުވެފައެވެ. އަދި މި ބައްޔާއެކު އެ ރިކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ.

އާޖެންޓީނާ އަތުން ސައުދީ އަރަބިއްޔާ މޮޅުވިއިރު، މިއީ ވޯލްޑް ކަޕްގައި އެ ޓީމުން ހޯދި ހަތަރު ވަނަ މޮޅެވެ. މިއީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައި އޮތް ޓީމެއް އަތުން ސައުދީ އަރަބިއްޔާ މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން ސައުދީ އަރަބިއްޔާ ވޯލްޑް ކަޕްގައި މޮޅުވީ 1994 ވަނަ އަހަރުގެ މުބާާރާތުގައި މޮރޮކޯ އާއި ބެލްޖިއަމް އަތުންނެވެ. އަދި އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި މިސްރު އަތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.