ލެވަންޑޯސްކީގެ ޕެނަލްޓީ ނާކާމިޔާބުވެ، މެޗު އެއްވަރު

ލެވަންޑޯސްކީގެ ޕެނަލްޓީ ނާކާމިޔާބުވެ، މެޗު އެއްވަރު

ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ގައި ރޭ ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރި މެޗުން 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، މެކްސިކޯއިން ފާއިތުވި ހަ ވޯލްޑުކަޕުގައިވެސް މުބާރާތުގެ ފުރަތަމަ މެޗުގައި ދަށްވެފައިނުވުމުގެ ރިކޯޑް ދަމަހައްޓާފައެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ޕޯލަންޑްގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި މެކްސިކޯގެ ވޭގާއަށް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 52 ވަނަ މިނެޓުގައި މެކްސިކޯގެ ލަޒާނޯ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ. އެކަމަކު މި ހަމަލާ ޕޯލަންޑްގެ ކީޕަރު ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ 54 ވަނަ މިނެޓުގައި ޕޯލަންޑަށް ވަނީ ނަތީޖާ ނެރެން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މެކްސިކޯގެ އޭރިއާގެ ތެރެއިން ޕޯލަންޑްގެ ފޯވާޑް ލެވަންޑޯސްކީއަށް ފައުލު ކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީ އޭނާ ފޮނުވާލި ނަމަވެސް މެކްސިކޯގެ ކީޕަރު ޖިލޫމޯ އޯޗުވާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު މި ގްރޫޕްގެ އެއްވަނައިގައި މި ވަގުތު އޮތީ އާޖެންޓީނާ ބަލިކުރި ސައުދި އަރަބިއްޔާއެވެ. ދެވަނަ އަދި ތިންވަނައިގައި އޮތީ ޕޯލަންޑާއި މެކްސިކޯއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.