މިސަރުކާރާއި ދެކޮޅަށް ބަޣާވާތް ކުރުމަށް ތައްޔާރުވަމުންދާ މީހުން މިހާރުވެސް ކިޔަމުންދާ ލަވައަކީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން އޭރުގެ އިދިކޮޅު ފަރާތްތަކުންވެސް ކިޔަމުންދިޔަ ލަވަ ކަމަށް އެމްޑީޕީއާއި ދާދިފަހުން ގުޅުނު އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ވާދަވެރިކަން ބޮޑުވެ ރާއްޖޭގެ އިޤްތިޞާދާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ނުދައްކާ ވަރުގެ ވާހަކަތަކެއް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ދައްކަވަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް ނަޝީދު ވަނީ ރާއްޖޭގެ ރައްޔިތުންގެ އެންމެ އަސާސީ ކަންކަމަށް ބޭނުންވާ ފައިސާވެސް ރިޒާވުގައި ނެތްކަމަށް ވިދާޅުވެ އިއްޔެ ވާހަކަ ދައްކަވާފައެވެ.
މިވާހަތަކާއި ގުޅިގެން މޫސަ ވިދާޅުވީ އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ވައްޓާލުމަށްޓަކައި 2011 ވަނަ އަަހަރުން ފެށިގެންވެސް ކިޔަމުންދިޔަ ލަވައަކީ ރާއްޖެ ބަނގުރޫޓްވާނެ ވާހަކައާއި، ރާއްޖޭގައި ޑޮލަރު ނެތްކަމުގެ ވާހަކަ ކަމުގައެވެ. އަދި މިއަދު ބަޣާވާތައް ތައްޔާރުވާ މީހުންވެސް ދައްކަމުންދަނީ ހަމަ މިވާހަތައްކަމަށެވެ.
2011ގައި ބަޣަވާތައް ތައްޔާރުވުމުގެ ގޮތުން އެހަރަކާތް ހިންގި މީހުން ފުރަތަމަ ރައްޔަތުންނަށް ވިސްނާދިނި ޑޮލަރު ދަތިވަނީ ރައްޔަތުން ހަނާވަނީ. މިފަހަރު ބަޣާވާތަށް ދޮން ކޮށްގެންތިބި މީހުންވެސް ހަމަ އެލަވަ، ޑޮލަރު ހުސްވީ ރާއްޖެ ބަނގުރޫޓުވީ؟ އެނގިދާނެތާ!
– މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަކީވެސް ބަޣާވާތުގެ މާޒީއެއް އޮތް ޕާޓީއެއް ކަމަށެވެ. ޕާތީ ތެރެއިންނާއި، ޕާތީގެ ބޭރުންވެސް ބަޣާވާތްކޮށް އެކަމުގެ ތަޖުރިބާ ހުރި ބޭފުޅުން ތިބިކަމަށާއި، ނަމަވެސް އެއްވެސް ހާލެއްގައި ބަޣާވާތްކޮށްގެން ކަންކަން ހާސިލް ކުރަން އުޅުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.
ބަޣާވާތަކީ ކޮންމެ ބަޔަކު ކުރިޔަސް ޤާނޫނީ ސަރުކާރަކާ ދެކޮޅަށް ތެދުވެ ވެރިކަންވައްޓާލުން، MDPގެ މާޒީއަށްބަލާއިރު އެތެރެއާބޭރުން އެކަން އޮތީހިންގާފަ، ޕާޓީގެ ބަޔަކު ކުރިޔަސް އެހެން ބަޔަކުރިޔަސް ބަޣާވާތަށް MDP މެމްބަރުން ބުނާނީނޫނެކޭ. ދެނެއް އެކަމެއް ނުހިންގޭނެ.
– މޫސަ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން އަންނަ ލަފާކޮށް ހުށަހެޅި ބަޖެޓު ކޮމިޓީން ދިރާސާކޮށް ނިންމައި ކޮމިޓީ ރިޕޯޓުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާއިރު ރައީސް ނަޝީދު ވިދާޅުވީ ބޭރުގެ ރިޒާވް ހުރި މިންވަރަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ ކަމަށެވެ. ކުރިއަށް އޮތް ހަފުތާތަކުގައި ދައުލަތުން ދައްކަން ހުރި ފައިސާ ބަލަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.