ރައީސް ޔާމީންގެ މައްސަލައިގެ ފަހު އަޑުއެހުން އަންނަ ހަފުތާގައި

ރައީސް ޔާމީންގެ މައްސަލައިގެ ފަހު އަޑުއެހުން އަންނަ ހަފުތާގައި

Author
މުޙައްމަދު ޝަޒައިމް
22 ނޮވެމްބަރ 2022 06:12
0

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބޭއްވުމަށް ނިންމައިފިއެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

އެ މައްސަލާގައި ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ މިއަދު ކްރިމިނަލް ކޯޓުން ވަނީ ނިންމާލައިފައެވެ. އެންމެ ފަހުން ކުރިއަށް ގެންދިޔައީ ޔޫސުފް ނައީމްގެ ފަރާތުން ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. ޔާމީންގެ ފަރާތްޕުޅުން ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކައި ނިންމީ އިއްޔެއެވެ. ދައުލަތާއި ޔާމީންގެ ފަރާތުން ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ގިނަ އަޑުއެހުންތަކެއް މިދިޔަ ހަފުތާގަ އާއި މި ހަފުތާގައި ވެސް ބޭއްވިއެވެ.

ޝަރީއަތުގައި ހެކިބަސް ދެއްވަމުން ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވަނީ ރައީސް ޔާމީން އެއް މިލިއަން ޑޮލަރު ގަންނަން ބޭނުންވުމުން ޔޫސުފް ނައީމުގެ އަތުން ޑޮލަރު ހޯދައިދީފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޑޮލަރު ގަތުމަށް ބޭނުންވާ ދިވެހި ފައިސާ ގެންގޮސްދެއްވި ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ ޝަރީއަތުގައި ވިދާޅުވެފަ އެވެ.

ދައުލަތުން ވަނީ ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކި އުފައްދަވާ ބައެއް ކަންކަން އޮޅުވާލެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށްފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން، އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، އެ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އަންނަ ހަފުތާގެ ބުދަ ދުވަހު އޮންނާނެ ކަމަށެވެ. ހުލާސާ ބަޔާނަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.