އަންނަ ޖެނުއަރީން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ގެނައި އިޞްލާހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީކުރައްވައިފިއެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް މަޖިލީހުން ގެނައި އެ އިޞްލާހު ރައީސް ތަސްދީޤްކުރެއްވުމުން ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާޢިއުކޮށްފައެވެ.
މި އިޞްލާހު ރައީސް ތަސްދީްްކުރެއްވުމާއި ގުޅިގެން އިޤްތިޞާދީ ދަތިކަމާއެކުވެސް ރައްޔިތުން ދައްކާ ޓެކްސް ބޮޑުވެގެން ދިޔައީއެވެ. އގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު މި އިސްލާހު ތަސްދީގުކުރެއްވުމާ އެކު، މިހާތަަށް %6ގައި ހުރި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) %8އަށް ބޮޑު ވާނެއެވެ. އަދި މިހާތަނަށް %12ގައި ހުރި ޓުއަރިޒަމް ދާއިރާއިން ނަގާ ޓެކްސް (ޓީޖީއެސްޓީ) %16އަށް ބޮޑުވާނެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ކަމަށްބުނެ ޓެކްސް ބޮޑުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވަ ބިލަށް އިއްޔެވެސް ވޯޓަށް އަހަން އޮތެވެ. އިއްޔެގެ ވޯޓު ގަޑީގައި މިބިލަށް ވޯޓަށް ނާހައި މަޖިލީހުގެ ޖަލްސާ ނިންމާލިއެވެ. އިއްޔެވެސް އެވަގުތު މިޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ވޯޓުގެ ވަގުތު ޖެހުމުން، ވޯޓަށް އެހީ ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވެފައިވޭތޯ ބެލުމަށް ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ހުށަހެޅުއްވި ޤަރާރު ބަލައިގަންނަނަން ފެނޭތޯ ބެލުމަށެވެ. އެޤަރާރު ބަލައިގަތުމަށް ނުފެންނަކަމަށް ފާސްވުމާއެކު ނަތީޖާ ވިދާޅުވުމަށްފަހު ނަޝީދުވަނީ ޖަލްސާ ނިންމަވާލައްވާފައެވެ. ޓެކްސްގެ ބިލަށް ވޯޓަށް ނޭހީ ކީއްވެގެންކަމެއް ރިޔާސަތުން ވިދާޅެއްނުވެއެވެ.
މަޖިލީހުގެ އިހަށްދުވަހުގެ މެންދުރު ފަހުގެ މަސައްކަތް އެކެއްޖެހިއިރު ފެށިއިރުވެސް ވޯޓުގެ ގަޑީގައި ޓެކްސް ބިލަށް ވޯޓަށް އަހާނެކަމަށް ބަލައި ސަރުކާރަށް ތާއީދުކުރާ ގިނަ މެމްބަރުން ވަނީ ތަޅުމަށް ވަޑައިގެންފައެވެ. މުޅި މަޖިލިސް ކޮމެޓީން ހުށަހެޅި ބިލުގެ ބަހުސްއަށް ހުޅުވާލުމުން އެއްވެސް މެމްބަރަކު ވާހަކަ ދައްކަވަން އެދިފައި ނެތްކަމަށް މަޖިލީހުގެ ރިޔާސަތުގައި އެވަގުތު އިންނެވި މެމްބަރު ހަސަން ވަނީ ވިދާޅުވެފައެވެ.
އަދި އެހެން ވިދާޅުވުމަށްފަހު ތަޅުމަށް ބަލައިލުމަށްފަހު މިއަދުގެ ތަޅުމުން އެ ރިޕޯޓަށް ވޯޓަށް އެހޭނެ އަދަދަކަށް މެމްބަރުން ނެތްކަމަށް ވިދާޅުވެ ވަނީ މިއަދަށް މަޖިލިސް ނިންމާލާފައެވެ. ނަމަވެސް އެވަގުތު ތަޅުމުގައި ތިއްބެވި މެމްބަރުންގެ އަދަދެއް އަދި އެވޯޓުގައި މެމްބަރުން ތަޅުމުގައި ތިބެންޖެހޭ އަދަދެއްވެސް އަފީފް ވިދާޅުވެފައި ނުވެއެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިހާރުވަނީ ފާސްކޮށްފައެވެ. އެގޮތުން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށްވަނީ ފާސްކޮށްފައެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.
މިބިލާ ދެކޮޅަށް އިިކޮޅު ފަރާތްތަކުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. އަދި މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުންވެސް މިބިލާ ދެކޮޅެވެ.