އިންޑޮނޭޝިއާށް އައި ބާރުގަދަ ބިންހެލުމެއްގައި 162 މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.
މި ބިންހެލިން އައިސްފައިވަނީ އެގައުމުހެ ޖާވާ އައިލޭންޑަށެވެ.
5.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ ހުޅަނގު ޖާވާގައި އޮންނަ ސިއަންޖޫރު އަވަށަކަށެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަ ކޮށްފައި ވާގޮތުގައި ބިންހެލުން އައިސްފައިވަނީ ބިމުގެ ސަތަހައިން 10 ކިލޯ މީޓަރު އަޑިއަށެވެ.
ބިންހެލުމުގައި އަނިޔާވި ގިނަބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރި، ހޮސްޕިޓަލް ބޭރުގައިވެސް ރޭގަޑުގެ ގިނަ ވަގުތުތަކުގައި މީހުންނަށް ފަރުވާ ދެމުން ގޮސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. އަދި މީހުން ސަލާމަތް ކުރާ ފަރާތްތަކުން ވަނީ ރޭގެ ގިނަ ވަގުތުތަކުގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައެވެ.
މީޑިއާތަކުން ރިޕޯޓު ކޮށްފައި ވާގޮތުގައި ބިންހެލުން އައި ސަރަހައްދަކީ ބިންގަަޑު ކަނޑައިގެންދާ ސަރަހައްދަކަށް ވެފައި، އަދި މީހުން ބައިބޯ، ބަލިކަށިކޮށް ގެދޮރު ބިނާ ކޮށްފައިވާ ސަރަހައްދަކަށް ވުމާއެކު، މި ސަރަހައްދުގެ ގިނަ ގެތައް ވަނީ ބިމާއި ހަމަވެފައެވެ. އެހެންކަމުން މަރުވި މީހުންނާއި އަދި އަނިޔާވި މީހުންގެ އަދަދު އިތުރުވުމަކީ ވަރަށް ބޮޑަށް އެކަށިގެންވާ ކަމެއްކަމަށް އޮފިޝަލުން ވަނީ މައުލޫމާތު ފީފައެވެ.
ޖާވާގެ ގަވަރުނަރު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ މި ހާދިސާގެ ސަބަބުން 13،000 މީހުން ގެދޮރުނެތި އަދި 2،200 މީހުންގެ ގެދޮރަށް ވަނީ ގެއްލުން ލިބިފައެވެ.
މި ބިންހެލުމުގެ އަސަރު، މި ސަރަހައްދާއި 100 ކިލޯމީޓަރު ދުރުގައި އޮންނަ، ވެރިކަންކުރާ ޖަކާޓާއަށްވެސް ވަނީ ކޮށްފައެވެ. އަދި އެސިޓީގެ އުސް އިމާރާތްތަކުން މީހުން ހުސް ކޮށްފައި ވެއެވެ.
ޕެސިފިކް “ރިންގ އޮފް ފަޔަރ“ގައި އިންޑޮނޭޝިއާ އޮންނަ ދިމާލުގެ ސަބަބުން އެގައުމަކީ ގިނައިން ބިންހެލުން އަންނަ ގައުމެކެވެ.
2004 ވަނަ އަހަރު، މެގްނިޓިއުޑުން 9.1 ބާރު މިނުގައި އިންޑޮނެޝިއާގެ ސުމާޓްރާ އައިލެންޑް ހިމެނޭ ސަރަހައްދުން އައި ވަރުގަދަ ބިންހެލުމަށްފަހު އުފެދުނު ސުނާމީގައި 220،000 މީހުން މަރުވެފައިވާއިރު، މީގެތެރެއިން 170،000 މީހުންނަކީ އިންޑޮނޭޝިއާގެ މީހުންނެވެ. އަދި މިއީ ދުނިޔޭގެ ފަހުގެ ތާރީޚެއްގައި ދުނިޔެ ދެކެފައިވާ އެންމެ ބޮޑު އެއް ގުދުރަތީ ކާރިސާއެވެ.
ކޮމެންޓު ފޮނުވާ