ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫންކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ. އަމީރު މިފަދައިން ރައްދުު ދެއްވާފައި މިވަނީ، ރާއްޖެ ބަނގުރޫޓުވާން ދާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހުމަކީ ލަދުވެތިވެވަޑައިގަންނަވާނެ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.
ނަޝީދުގެ އެ ވާހަކަފުލަށް ފާޑުވިދާޅުވެ އަމީރު ވިދާޅުވީ، ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫންކަމަށެވެ. އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް ދިމާވި ދަތި އުނދަގުލާއެކުވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައިކަަމށް އަމީރު ވިދާޅުވިއެވެ.
ދަތިތަކާއި ގޮންޖެހުންތަކާއިއެކުވެސް, ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެ ގޮންޖެހުންތައް ގިރާކުރަމުންދާކަމަށާއި، ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުަމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ދަނޑިވަޅުގައި އިޤްތިސާދާއިމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް. މާތްالله ގެ އިރާދަފުޅާއެކު, ރާއްޖޭގެ އިޤްތިސާދީ ކުރިމަގު އޮތީ ފަހިކޮށް.
– އަމީރު ވިދާޅުވިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގެ ހެނދުނުގެ ދަންފަޅި ނިންމަވާލެއްވުމުގެކުރިން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ ދާދިފަހުން މާލީގޮތުން ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވި އަވަށްޓެރި ސްރީ ލަންކާއާ އެކު އެމަނިކުފަނު ކުރެއްވި މަސައްކަތްޕުޅަށް އިޝާރާތްކުރައްވައި އެޤައުމުން މިސާލު ދައްކަވާފައެވެ. އަދި ރާއްޖެއަށް އެފަދަގޮތެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ދައުލަތުގެ މާލީ ހާލަތު ބަލައި އޭގެ ހަޤީޤަތް ހުރިނެތްގޮތް ދެނެގަތުމަށްވެސް ރައީސް ނަޝީދު އެދިވަޑައިގަތެވެ.
ރައީސް ނަޝީދު ވިދާޅުވަނީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ވަރަށް ގޯސްކަމަށާ، އެންމެއަސާސީ ކަންކަމަށް ބޭނުންވާ ފައިސާވެސް ދައުލަތުގަ ނެތްކަމަށެވެ. މިހަޤީޤަތާ ޚިލާފަށް މަޖިލީހުގެ މެމްބަރުން ވާހަކަދެއްކެވުމަކީ ދެރަކަމެއްކަމަށް ނަޝީދު ވިޑާޅުވިއެވެ.
"ކުރިއަށް މިއޮތް ހަފުތާ ތަކުގައި، މި ދަންނަވަނީ މިއަންނަ ހަފުތާއާއި އޭގެ އަނެއް ހަފުތާގައި ދައުލަތުން ދައްކާން ހުރީ ކޮން ފައިސާއެއްތޯ ، ތެލަށް ދައްކާން ހުރި ފައިސާ އެބަހުރިތޯ ރިޒާވްގައި. ކާޑަށް ދައްކާން ހުރި ފައިސާ އެބަހުރިތޯ ރިޒާވްގައި،" ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓުގެ މައްޗަށެވެ.
ކޮމެންޓު ފޮނުވާ