ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ފައިސާނަގައި އެ ފައިސާ ލޯންޑާ ކުރިކަމަށް ތުހުމަތުކޮށް އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިބަސް ބަލައިނުގަތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.
އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
މި މައްސަލައިގެ ޝަރީއަތުގައި މިހާރު ކުރިޔަށް ގެންދަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. މިހާރު ކުރިޔަށްދާ އަޑުއެހުމުގައި ޔާމީންގެ ފަރާތުން އެދިފައިވަނީ އަދީބާއި، ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށެވެ.
މިގޮތުން އެމަނިކުފާނުގެ ދިފާއީ ވަކީލް، އާދަމް ޝަމީމް މިއަދު ވިދާޅުވީ އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމަށާއި އެހެންކަމުން އެ ދެ މީހުންގެ ހެކިބަސް ބަލައިގަތުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަވެގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި، އެ ދެ ހެކިންގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކެއް ހުށަހެޅިފައިނުވާ ހާލަތެއްގައި އެ ދެ މީހުންގެ ހެކިބަސް ބަލައިނުގަތުމަށް މީގެ ކުރިން ނިންމާފައިވާ ނިންމުމާ ހަވާލާދީ އޭނާ ވިދާޅުވީ މި މައްސަލައިގާ އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
އަދި، އެމީހުންގެ ހިތުގައި ޔާމީނާއި ދޭތެރޭ އަދާވާތްތެރިކަން އޮތް ކަމާއި، އެއީ އުފައްދައިގެން އުޅޭ ވާހަކަތަކެއްކަން ސާފުވާ ކަންވެސް ފާހަގަކުރެއްވިއެވެ. އަދި، ޝަރީއަތުގެ މަޖިލީހުގައި ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ނުދީ، ދައްކަން އުޅުނީ ވަކި މަންޒަރެއްކަން ޝަރީއަތަށް ވެސް ސާފުވާނެ ކަމަށާއި، އެހެންކަމުން އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކާ ނުލާ އެ ހެކި ބަލައިނުގަތުމަށް އެދިވަޑައިގެންފައިވެއެވެ.
މިމައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރިން އުފުލި ދައުވާގައި ސުޕްރީމް ކޯޓުންވެސް ނިންމާފައިވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށެވެ. އެންމެފަހުން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ބުނީ، އެމަނިކުފާނުގެ ދިފާއުގައި މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ކޯޓަށް ވަޑައިގަތީ ނުހިނގާ ކަމެއް ހިނގި ކަމަށް ދެއްކުމަށް ތައްޔާރުވެގެން ކަމަށެވެ.
މި މައްސަލައިގައި މީގެ ކުރިން ޔާމީންގެ މައްޗަށް ކުރި ދައުވާގައި ސުޕްރީމް ކޯޓު މަރުހަލާއިން އެމަނިކުފާނު މިނިވަންވެވަޑައިގަތްއިރު، އެކޯޓުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަންނަން ވެސް ނިންމިއެވެ.
މައްސަލަ ބައްލަވާ ގާޒީ ވަނީ މިއަހަރު ނިމުމުގެ ކުރިން ހުކުމާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.