އަންނަ އަހަރުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި

އަންނަ އަހަރުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓް މަޖިލީހުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފިއެވެ.

ބަޖެޓް ކޮމެޓީން ފާސްކުރި ބަޖެޓަށް ވަނީ 160 މިލިޔަން ރުފިޔާ އިތުރުކޮށްފައެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމެޓީން އިތުރު ކުރި ބަޔާއިއެކު ބަޖެޓްވަނީ 42.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. ބަޖެޓް ފާސްވެފައިވަނީ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އައުލަބިއްޔަތުންނެވެ.

2023 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާއެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާ ކަމަށާއި، އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ހިމެނެއެވެ. ނަމަވެސް ބަޖެޓަށް ކޮމެޓީން ގެނައި ބަދަލާއިއެކު އަދަދުތަކަށް ބަދަލު އަންނާނެއެވެ.

މަޖިލީހުގައި ބަޖެޓުގެ މަސައްކަތް ދެން ކުރިއަށްދާނީ ކޮމެޓީން ބަޖެޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، ތަޅުމުގައި ކޮންމެ މެމްބަރަކު 7 މިނިޓްގެ ބަހުސްއެއް ކުރުމަށް ފަހުއެވެ. ބަޖެޓް ފާސްކުރުމަށް މަޖިލީހުގެ ރައީސް ކުރިން ވިދާޅުވެފައިވާ ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހެވެ.

ބެޖެޓް ކޮމެޓީގެ މަސައްކަތް ކުރިއަށްދިޔައިރު ވަނީ މާލީ އިދާރާތަކާއި، ބައެއް މިނިވަން މުވައްސަސާތަކާއި، ސަރުކާރުގެ އިދާރާތައް ހާޒިރުކޮށް މައުލޫމާތު އޮޅުންފިލުވާފައެވެ. ބަޖެޓްގެ ކޮމެޓީ މަރުހަލާގައި މަރުކަޒީ ބޭންކު އެމްއެމްއޭއިން ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ބަޖެޓްގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދުތަކާއި ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވާ ބައެއް އަދަދުތަކާއި އެމްއެމްއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްއެމްއޭއިން ފޮނުވި ލަފާގައި ބުނެފައި ވަނީ ޓެކްސް ބޮޑުކުރަނީ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކަމަށެވެ. ނަމަވެސް ބަޖެޓްގައި ހަރަދުތައް ހުރި ގޮތުން އެ މަގުސަދު ހާސިލް ނުވާނެ ކަމަށެވެ. އަދި ތަކެތީގެ އަގު ބޮޑުވެ އިގްތިސާދުތައް ދަށްވެފައިވާ މި ދަނޑިވަޅުގައި ޓެކްސް ބޮޑުކުރުމަށް ވުރެ ހަރަދު ކުޑަކުރަން އިސްކަން ދިނުމަށް ލަފާ ދީފައި ވެއެވެ.

އެމްއެމްއޭއިން ބުނެފައި ވަނީ ޓޫރިޒަމަށް ކުރާނެ އަސަރު ރަނގަޅަށް ނުބަލައި ޓީޖީއެސްޓީ ބޮޑު ކުރާތީ އެ އޮތޯރިޓީއިން ކަންބޮޑުވާ ކަމަށެވެ. ސަރުކާރުގެ ހަރަދުތައް ހަމަޖައްސާ ވަސީލަތަކަށް ޓީޖީއެސްޓީ ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.