ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން މިހާރު ކުރިއަށްދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއެކު ރާއްޖޭގެ އިޤްތިޞާދު 4 ގުނަ ފުޅާވެ ކުރިއަރައިގެން ދިޔުމުގެ ފުރުސަތު އެބައޮތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ 4 އަހަރުގެ ކާމިޔާބީ ފާހަގަކުރައްވަމުން، ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މިސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ހެޔޮ އަސަރުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދާސް އޮތީ ރަނގަޅު ކުރިމަގެއްކަމަށެވެ. ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްދާކަން ތަފްސީލްކުރައްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިއުމާއި ބިޔަ މަޝްރޫޢުތަކުގެ ތެރެއިން ތިލަމާލެ، ބްރިޖުގެ މަސައްކަތާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓުތައް ތަރައްޤީކުރުންފަދަ އެތައްކަމެއް މިވަގުތުވެސް ހިނގަމުންދާކަމަށެވެ. މިކަންކަމުގެ ނަތީޖާ ރަނގަޅުވާނެކަމަށާ، އޭގެ ހެޔޮ ފައިދާ ރާއްޖޭގެ އިޤްތިޞާދަށް ކުރާނެކަމަށެވެ. މީގެ އިތުރުން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތާއި އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަޕޯޓުގެ މަސައްކަތް އަމީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހުޅުލޭ އިންޓަރނޭޝަނަލް ޓަރމިނަލްގެ މަސައްކަތް ފަދަ ކަންކަމަކީ އިޤްތިޞާދަށް ހެޔޮ ބަދަލު އަންނާނެ ބިޔަ މަޝްރޫޢުތަކެއްކަމަށް އަމީރު ވިދާޅުވިއެވެ.
"މިހާރު ރާއްޖޭގެ އިޤްތިސާދުގެ ސައިޒަކީ 6 ބިލިއަން ޑޮލަރުކަމުގައިވާ ނަމަ، މި މަސައްކަތް ނިމުމުން 3 ގުނަ 4 ގުނައަށް ފުޅާވުމުގެ ފުރުސަތު އޮތް އިޤްތިސާދަކަށްވެގެންދާނެ،" އަމީރު ވިދާޅުވިއެވެ.
ސަރުކާރުގެ އިޤްތިޞާދީ ދުވެއްޔާއި، މަޝްރޫޢުތައް ކުރިއަށްދާ ދުވެއްޔާއި ދައުލަތުގެ ދަރަނި އިތުރުވަމުންދާ މިންވަރާމެދު އިދިކޮޅު ފަރާތްތަކުން ކިޔާ ފާޑުކިއުންތަކަށްވެސް މިނިސްޓަރު އަމީރުވަނީ ރައްދުދެއްވާފައެވެ. ދަރަނި އިރުވުމުގެ ސަބަބަކަށް އަމީރު ދެއްކެވި އެންމެބޮޑު އެއްކަމަކީ ކޯވިޑް-19އެވެ. ކޯވިޑްގެ ނަތީޖާއަކަށްވީ ދަރަންޏަށް ފައިސާ ނަގައިގެންވެސް ކަންކަން ކުރަން ޖެހުންކަމަށާ، އޭރުގެ ވިސްނުމަކީ ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްގެންވެސް ރާއްޖޭގެ އިޤްތިޞާދު ފްރީ ފޯލްއަކަށް ދިިޔަނުދީ ހިފެހެއްޓުންކަމަށް އަމީރު ވިދާޅުވިއެވެ.