ހައިކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ ޝަހީދުއާއި ހަވާލު ކޮށްފި

ހައިކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ ޝަހީދުއާއި ހަވާލު ކޮށްފި

ގުޅުންހުރި

ހައި ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ ޝަހީދުއާއި ހަވާލު ކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ގާޒީ ޝަހީދުއާއި ހަވާލު ކޮށްފައި މިވަނީ އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ގާޒީ ހާތިފް ހިލްމީ މިމަހުގެ 6 ވަނަ ދުވަހު ރިޓަޔަރ ކުރެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް ހާތިފް ހިލްމީގެ ރިޓަޔަރމަންޓާއި ގުޅޭގޮތުން ނިންމި ގޮތެއް ޖޭއެސްސީން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ހާތިފް ރިޓަޔަރ ކުރައްވަން ހުށަހަޅުއްވާފައިވާއިރު، ހައިކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުންނެވި ޝުއައިބް ހުސައިން ޒަކަރިއްޔާވެސް ވަނީ ފާއިތުވެދިޔަމަހު ރިޓަޔަރ ކުރައްވާފައެވެ. އަދި އޭނާގެ ހުށަހަހެޅުއްވުން ޖޭއެސްސީން ވަނީ ބަލައިވެސް ގެންފައެވެ.

ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް ހާތިފް ހިލްމީ އައްޔަން ކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ވަގުތީގޮތުން މަގާމާ ހަވާލުވި ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނީ 2018ވަނަ އަހަރުގެ ޖުލައިމަހުގެ 24 ވަނަ ދުވަހުއެވެ.

އޭނާވަނީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރައްވާފައެވެ. އެއަށްފަހު އޭނާވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައެވެ.

ޝަހީދު ވަނީ އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމް އަދާ ކުރައްވާފައެވެ. އޭގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމު އަދާ ކުރެއްވުމުގެ އިތުރުން، އޭނާވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމާއި ދައުލަތުގެ ވަކީލު ކަންވެސް ކުރައްވާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ