ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ބަހްރެއިން އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި, ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.
މިގޮތުން 2022 ސެޕްޓެމްބަރު 17 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތޯފަން (Methorphan) އަށް ވަނީ ޕޮޒިޓިވް ވެފައިކަމަށް ކަސްޓަމްސްއިން ބުނެއެވެ. މިއީ މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ފުރަތަަމަ ފަހަރުކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 604.50 ގްރާމް ހުރިކަމަށާ، މިތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައިކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ