ރޮޒޭނާއަށް އަނިޔާދިނުމަށް، އިންޒާރުދިން މައްސަލަ ތަހުގީގް ކުރުމަށް އެމްޑީޕީން ގޮވާލައިފި

ރޮޒޭނާއަށް އަނިޔާދިނުމަށް، އިންޒާރުދިން މައްސަލަ ތަހުގީގް ކުރުމަށް އެމްޑީޕީން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2022 10:11
0

އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާތީ އެކަމާ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސިޔާސީ ވާދަވެރިކަމުގެތެރެއިން އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަނާ އިޚްތިރާމާއެކު މުޢާމަލާތްކުރުމަށާއި، އެވާދަވެރިކަމުގެތެރެއިން އަނެކާ ނުރައްކަލަށް ކުރިމަތިވާގޮތަށް އެއްވެސް ފަރާތަކުން މުޢާމަލާތްނުކުރުމަށް އެމްޑީޕީން ވަނީ އިލްތިމާޞް ކޮށްފައެވެ. އަދި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެންމީހަކަށް އަނިޔާވެރިވުމަށް ގޮވާލާ މިންވަރަށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫންކަން އެޕާޓީން ވަނީ ބުނެފައެވެ.

މިޕާޓީއަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫން. އަދި، ޤާނޫނުއަސާސީއިން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ޤާނޫނީ އިމުގެ ތެރެއިންކަން މިޕާޓީން އަބަދުވެސް ޤަބޫލުކުރާނެ.

– އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަންހެނުން ސިޔާސީ ހަރަކާތަށް ނެރި، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ އެޕާޓީގެ މައިގަނޑު އަސާސްތަކުގެތެރޭގައި ހިމެނޭކަމަކަށްވާއިރު، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްއަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ ޕާއެޓީއިން ހަރުހައަޑުން ކުށްވެރިކުރާކަމެއްކަމަށް ވަނީ ބުނެފައެވެ. އަދި މިއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސްއެޅިގެން ދާނެކަމެއްކަމަށްވެސް ވަނީ ބުނެފައެވެ.

އެމްޑީޕީން ވަނީ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އެކަމަނާއަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަޙްޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.