ފީފާ އެވޯޑް އަންނަމަހު 17ގައި

ފީފާ އެވޯޑް އަންނަމަހު 17ގައި

ގުޅުންހުރި

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ކޯވިޑް-19 ގެ ހާލަތު އޮތްގޮތުން ގިނަ ބަޔަކު އެއްވެ އުޅޭ ގޮތަށް އަދިވެސް ހަރަކާތްތައް ނުބޭއްވޭތީ ފީފާއިން މިހާރު ނިންމާފައި އޮތީ އަންނަ މަހު 17 ވަނަ ދުވަހު އެވޯޑް ހަފުލާ ވާޗުއަލްކޮށް ކުރިއަށްގެންދާށެވެ. މީގެ ކުރިން މި އެވޯޑް ހަފުލާ ބާއްވަން ފީފާއިން ތާވަލުކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އިޓަލީގެ މިލާނުގައެވެ. އެކަމަކު ކޯވިޑް-19 އާ ގުޅިގެން މެއި މަހުގެ ތެރޭގައި ފީފާއިން ވަނީ އެވޯޑް ހަފުލާ ފަސްކުރަން ނިންމާފައެވެ.

މޮޅު ކުޅުންތެރިޔާގެ އިތުރުން ފީފާއިން އިތުރު ގިނަ އެވޯޑުތަކެއްވެސް ދެއެވެ. އޭގެ ތެރޭގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗުގެ އެވޯޑާއި، އެންމެ މޮޅު ލަނޑަށް ދޭ ފީފާ ޕުސްކަސް އެވޯޑާއި، ފީފާ ފޭން އެވޯޑާއި، ފީފާ ފެއާޕްލޭ އެވޯޑް އަދި ފީފާގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ހޮވާ ފީފާ ޕްރޯ އެލެވެން ހިމެނެއެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ފެށުމަށްފަހު ފީފާއިން ގެނައި އެންމެ ބޮޑު ބަދަލަކީ ސަޕޯޓަރުންނަށް ވޯޓު ލެވޭ ގޮތް ހެދުމެވެ. ސަޕޯޓަރުންގެ ވޯޓު ނަގާނީ މުޅި ދުނިޔެއިން ހޮވާލެވޭ 200 މީޑިއާއެއްގައި ސެޓް ކުރާ ވޯޓިން ޕޯލްތަކުންނެވެ. ފީފާގެ އެވޯޑުގައި ދެން ވޯޓު ލާނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ހޮވާލެވޭ ނޫސްވެރިންނެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން ވެސް ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެމުން އައި ނަމަވެސް، 2010ން 2015ށް ފީފާއިން އެވޯޑް ދިނީ ފްރާންސް ފުޓްބޯލް މަޖައްލާއިން ދޭ ބަލޮންޑޯ އެވޯޑާ ގުޅިގެންނެވެ. މި އަހަރުގެ ބަލޮންޑޯ އެވޯޑް ވަނީ ކެންސަލް ކޮށްފައެވެ.

ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި އެމެރިކާގެ އަންހެން ޓީމުގެ މޭގަން ރެޕިނޯއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *