މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ހުރިހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާކަމަށެވެ. އަދި މިފެށޭ ޖުމްހޫރީ އަހަރަކީވެސް، ހަމަޖެހުމާއި ސުލުޙަމަސަލަސްކަން އަދި އުފާފާގަތިކަން ރައްޔިތުންނަށް ލިބިދޭ އަހަރެއް ކަމުގައި ލެއްވެވުން އެދި ދުޢާކުރައްވާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. މިފެށޭ ޖުމްހޫރީ އަހަރަކީވެސް، ހަމަޖެހުމާއި ސުލުޙަމަސަލަސްކަން އަދި އުފާފާގަތިކަން ރައްޔިތުންނަށް ލިބިދޭ އަހަރެއް ކަމުގައި ލައްވާށި. pic.twitter.com/KTpryMjhZL
— Ibrahim Mohamed Solih (@ibusolih) November 11, 2022
ރާއްޖޭގައި ޖުމްހޫރީ ދުވަހަކީ 11 ނޮވެމްބަރ 1968ގައި ރާއްޖޭގައި ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވީ ދުވަހެވެ. މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަށް ބަދަލުވީ ދެވަނަ ފަހަރެވެ. ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނީ 1 ޖެނުއަރީ 1953 ގައެވެ. ނަމަވެސް މި ޖުމްހޫރީ ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ. އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެއްޖެއެވެ. އެއީ 7 މާޗް 1954 ގައެވެ. މިރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާގޮތައް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މިޖަލްސާ ބާއްވަން ކުރިން އޮތީ ރޭގައެވެ. އެހެންނަމަވެސް އިއްޔެރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއާ ގުޅިގެން ޖަލްސާ ފަސްކުރީއެވެ.