ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި އަދި އެޕާޓީގެ ރަން ޒަމާނުގައި ޕާޓީގެ ވަރުގަދަ ޙަރަކާތްތެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ، މޫސާ މަނިކު އަލުން މިވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.
މިމަހުގެ 8ވަނަ ދުވަހު ރީކޯ މޫސަ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމާއެކު އެމްޑީޕީން ވަނީ އެކަން ފާހަގަކޮށް މަރުޙަބާ ކިޔާފައެވެ. އަދި އެމްޑީޕީގެ އިސްލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އިސް ބައެއް ބޭފުޅުންވެސް ވަނީ މޫސައަށް ހޫނު މަރުޙަބާއެއް ދަނަނަވާފައެވެ. މޫސައަކީ އެމްޑީޕީގައި ރާއްޖޭގެ ފަހުގެ ސިޔާސީ މަސްރަޙުގައި ފާހަގަކޮށްލެވޭ މަޝްހޫރު ބޭފުޅެކެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކަށް ރައްދުދިނުމާއި ޙާޒިރު ޖަވާބުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޕާޓީގެ ޙަރަކާތްތަކުގައި އިސްދައުރެއް އަދާކޮށް ސިޔާސީ ފޯރި އުފައްދާ ބޭފުޅެކެވެ. އެހެންނަމަވެސް މޫސަ އެމްޑީޕީން ވަކިކުރީ ކީއްވެގެންތޯ ބަލާލަން ޖެހެއެވެ. އަދި ވަކިކުރި މައްސަލައަށް މިހާރު މިވީ ކިހިނެއްތޯވެސް ބަލާލަން ޖެހެއެވެ.
މޫސަގެ މައްސަލައަކުން ޕާޓީން ވަކިކުރިނަމަ އެކަން މޫސަ ރަނގަޅުކުރީހެއްޔެވެ؟ ނުވަތަ މޫސަ މަޢާފަށް އެދުނުހެއްޔެވެ؟ ޕާޓީގެ އޭރުގެ ލީޑަޝިޕުގެ މައްސަލައަކުން މީހެއްގެ ނުފޫޒުން ޒާތީގޮތުން މޫސަ ވަކިކުރިނަމަ، އެވަކިކުރި ނިންމުން ކޮބައިހެއްޔެވެ؟ އެނިންމުން ބާޠިލްކުރީހެއްޔެވެ؟ މިއީ އެމްޑީޕީން ޖަވާބުދޭނެޖެހޭ ސުވާލެކެވެ. އެހެންނޫނީ ސިޔާސީ ޕާޓީތަކުގެ ނިންމުންތަކާއި ޢަމަލުތައް މިވަނީ ކުޅޭކުޅޭ އެއްޗަކަށެވެ. އެފަހަރު ހިތްއެދޭގޮތަކަށް ކުރާ ކަމަކަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ހޭދައެއްކޮށްގެން ޤާނޫނީ އިމުގެ ތެރެއިން ހިންގާ ޖަމާޢަތަކަށް ސިޔާސީ ޕާޓީތައް ވާއިރު، އެއީ ޒިންމާދާރުކަމާއެކު ހަމަޖެހޭ ނިޒާމެއްގެ ތެރެއިން ހިންގާ ރައްޔިތުންނަށް ފައިދާކުރާ ޖަމާޢަތްތަކަށް ވާންޖެހެއެވެ.
ރީކޯ މޫސާ މަނިކު އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށްފައިވަނީ 22 ޑިސެމްބަރު 2014 ގައެވެ. އޭރު އެމްޑީޕީން މޫސަ ވަކިކުރީ އަޚްލާޤީ މައްސަލައެއްގައެވެ. އެނިންމުމަކީ ރައީސް ނަޝީދުގެ ނުފޫޒުން ނިންމެވި ނިންމެވުމެއްކަމަށް މޫސައަށް ތާޢީދުކުރާ ބައެއްމީހުން އޭރުވެސް މިހާރުވެސް ބުނެއެވެ. އެހެންނަމަވެސް އެނިންމުން ނިންމިއެވެ. އެއީ އެމްޑީޕީން ނިންމި ނިންމުމެކެވެ.
މޫސަ ޕާޓީން ވަކިކޮށް އެކަން ހާމަކުރުމަށްފަހު، އެނިންމުމުގައި ވަނީ އަލުން މޫސަ އެމްޑީޕީއަށް ވަންނަނަމަ 2 ކަމެއް އަދަބެއްގެ ގޮތުން ކުރަންޖެހޭނެކަމަށެވެ. އެއީ އަލުން އެމްޑީޕީގެ މެމްބަރުންގެ އިތުބާރު މޫސަގެމައްޗަށް އުފެއްދުމަށްޓަކައެވެ. އެއްކަމަކީ ޕާޓީގެ މެމްބަރުންގެ ކިބައިން މަޢާފަށް އެދުމެވެ. އަދި މަޢާފަށް އެދުނު ބަޔާން ޕާޓީގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކުރުމެވެ. ދެވަނަ ކަމަކީ އަލަށް 50 މެމްބަރުން ޕާޓީއަށް ވައްދައި އެމީހުން ހިމެނޭ ގޮތްޕެއް އުފެއްދުމެވެ.
ސުވާލަކީ މިނިންމުން މިހާރު ކޮބައިތޯއެވެ؟ މިއިންކަމެއް މޫސަ ކުރެއްވިކަމެއް އެނގޭކަށް ނެތެވެ. އެމްޑީޕީއަކުން އެކަން ހާމައެއް ނުކުރެއެވެ. ނުވަތަ މޫސަ ވަކިކުރަން އެމްޑީޕީން ނިންމި ނިންމުން ބާޠިލެއްވެސް ނުކުރެއެވެ. އެހެންވީއިރު، މިކަން މިނިމުނީ ކިހިނެއްހެއްޔެވެ؟