މިހާރު ކުރިޔަށްދާ ޔޫކުރެއިން ހަގުރާމާގައި، ރަޝިއާ ސިފައިންގެ ބާރުގެ ދަށުގައިއޮތް ޔޫކުރެއިންގެ ހަމައެކަނި ރީޖަނަލް ކެޕިޓަލް ކަމަށްވާ ޚާސޮން ދޫކޮށް ރަޝިއާ ސިފައި ފަހަތަށް ޖެހިއްޖެއެވެ. މި ސިޓީ ދޫކޮށްދިއުމަށް އަމުރުކުރިކަން ހާމަ ކުރަމުން ރަޝިއާގެ ދިފާއީ ވަޒީރު ވިދާޅުވެފައިވަނީ ޔޫކުރެއިން ދެކުނުގެ ސިޓީއެއްކަމުގައިވާ ޙާސަންއަށް ސަޕްލައި ކޮށްދިނުން ރަޝިއާއަށް ދަތިކަމަށް ވެގެންގޮސްފައިވާ ކަމުގައެވެ.
ރަޝިއާއިން 2014ވަނަ އަހަރު އަމިއްލަ ކޮށްފައިވާ ޔޫކުރެއިންގެ ކްރައިމިއާއި ގުޅުވައިދޭ މުހިންމު މި ސިޓީއިން ރަޝިއާ ސިފައިން ފައިބައިގެން ދިޔަނަމަވެސް، ޔޫކުރެއިންއިން ބުނެފައިވަނީ މި ސިޓީއަށް އެގައުމުގެ ސިފައިން އަރާނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށެވެ. ސަބަބަކީ މި މުހިންމު ސިޓީ ދޫކޮށް ރަޝިއާ ސިފައިން ދިޔަދިއުން އެއީ ރަޝިއާ ސިފައިން ޖަހާ ދަންތުރައަކަށް ވެދާނެކަމަށް ގަބޫލު ކުރެވޭތީކަމުގައެވެ.
އެހެންނަމަވެސް ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެން ސްޓޮލްޓެމްބާގް ވިދާޅުވެފައިވަނީ ރަޝިއާ ސިފައިންނަށް ޔޫކުރެއިންގައި ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލާން ޖެހިފައި ވާކަމުގައެވެ. އަދި ރަޝިއާ ސިފައިން ޚާސަން ދޫކޮށް ހިގައްޖެނަމަ އެކަން ވެގެންދާނީ ޔޫކުރެއިން ސިފައިންނަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއަކަށް ކަމުގައެވެ.
ރަޝިއާއިން ކުއްލި ގޮތަކަށް ޚާސަން ފަދަ މުހިންމު ސިޓީއެއް ދޫކޮށް ދިއުމާ ގުޅިގެން ޔޫކުރެއިންގެ ރައީސް ޒެލެންސްކީގެ އެޑްވައިޒަރު ވިދާޅުވެފައިވަނީ، ރަޝިއާ ސިފައިން ޔޫކުރެއިންގެ ޚާސަން ސިޓީ ދޫކޮށް ދިޔަކަމަށް ބުނިނަމަވެސް، ފަހަތަށް ޖެހުމަށްފަހު ރަޝިއާއިން ތައްޔާރުވަމުންދަނީ އެއީ "މަރުގެ ސިޓީއަކަށް" ހެދުމަށް ކަމުގައެވެ.
އެހެންނަމަވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ ކޮންމެ ގޮތަކަށް ނަމަވެސް ރަޝިއާ ސިފައިން ޚާސަން ދޫކޮށް ދިއުން ވެގެންދާނީ ޔޫކުރެއިން ސިފައިންނަށް ލިބިގެންދާ ނަފްސާނީ ބޮޑު ކުރިއެރުމަކަށް ކަމުގައެވެ.
ޔޫކުރެއިންގެ ޚާސަން ސިޓީއަކީ ހަނގުރާމައިގެ ކުރިން 350،000 އެއްހާ މީހުންގެ އާބާދީއެއް އޮތް ސިޓީއެކެވެ. އަދި މިއީ ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާއި ޔޫކުރެއިން ގުޅުވައިދޭ މުހިންމު ސިޓީއަކަށް ވުމާއެކު، މިސިޓީ ވެގެންދަނީ ރަޝިއާއަށް ވަރަށް މުހިންމު ސިޓީއަކަށެވެ.