ހެއިޓީގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ޖީން-ބާޓް: ފުޓުބޯލައާއި ގުޅުން ހުރި ހުރިހާ ހަރަކާތަކުން ވަނީ އުމުރަށް ސަސްޕެންޑް ކުރެވިފަ

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ހެއިޓީގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް އުމުރަށް ސަސްޕެންޑް ކޮށްފި

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ހެއިޓީގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް އުމުރަށް ސަސްޕެންޑް ކޮށްފި

ދުނިޔޭގެ ފުޓްބޯޅައިގެ ޖަމްއިއްޔާ (ފީފާ) އިން، ހެއިޓީގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް، ވެސް ޖީން-ބާޓް އުމުރަށް ސަސްޕެންޑް ކޮށްފިއެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖީން-ބާޓް ފުޓުބޯޅައިން އުމުރަށް ސަސްޕެންޑް ކޮށްފައިވަނީ، އޭނާއާއި މެދު ކުރެވިފައިވާ ޖިންސީ ފުރައްސާރައާއި މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ތުހުމަތުތައް ތަހުގީގު ކުރުމަށްފަހުގައެވެ.

"ޑަޑޫ"ގެ ނަމުން މަޝްހޫރުވެފައިވާ ޖީން-ބާޓް އާއި ދެކޮޅަށް ކުރެވިފައިވާ މިހުތުމަތުތަކާއި ގުޅިގެން ފީފާގެ އެތިކްސް ކޮމިޓީން މިއަހަރުގެ މޭމަހު ހިންގި އިންޓާނަލް އިންވެސްޓިގޭޝަނަކަށް ފަހު އެކޮމިޓީން ވަނީ އޭނާ ވަގުތީ ގޮތުން ކުޅިވަރުން ސަސްޕެންޑް ކޮށްފައެވެ.

މި ހަފްތާގެ ހުކުރު ދުވަހުގެ ޖީން-ބާޓް އުމުރަށް ކުޅިވަރުން ސަސްޕެންޑް ކުރެވުނުކަން އޭނާއަށް އެންގުމުގެ ކުރިން ފާއިތުވެދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފީފާއިން ވަނީ އޭނާ އުމުރަށް ސަސްޕެންޑް ކުރުމަށް ނިންމާފައެވެ.

ފީފާގެ އެތިކްސް ކޮމިޓީން ބުނެފައިވަނީ ޖީން-ބާޓް ވަނީ އޭނާގެ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކޮށް، އަދި އަންހެން އެތަކެއް ކުޅުންތެރިންނަށް ޖިންސީ ފުރައްސާރަ ކޮށްފައެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް އެތިކްސް ކޮމިޓީން ބުނެފައި ވެއެވެ. އަދި މިއީ ފީފާގެ އެތިކްސް ކޯޑާއި ކަޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށްވެސް އެކޮމިޓީން ވަނީ ބުނެފައެވެ.

އެތިކްސް ކޮމިޓީގެ ނިންމުން އާންމު ކުރުމަށް އެޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފުޓުބޯޅައާއި ގުޅުން ހުރިހާ ހަރަކާތަކުންނާއި ކުޅިވަރަކުން މުޅި އުމުރަށް ޖީން-ބާޓް ސަސްޕެންޑް ކުރާކަމުގައެވެ. މީގެތެރޭގައި ފުޓުބޯޅައާއި ގުޅުންހުރި އިދާރީ މަސައްކަތްތަކާއި، އަދި އެފަދަ އެހެން ހުރިހާ ކަމެއް ހިމެނޭކަމަށްވެސް މިބަޔާނުގައި ބުނެފައި ވެއެވެ. އަދި ފީފާއިން ވަނީ އޭނާ 1.1 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމާނާވެސް ކޮށްފައެވެ.

"މި ބަޔާން ކުރެވުނު އަޚްލާގީ މައްސަލަތަކާއި ގުޅުންހުރި ތަހުގީގު ތަކަކީ، ޖީން-ބާޓް އާއި އަދި ހެއިޓީގެ ފުޓުބޯޅަ ފެޑަރޭޝަންގައި މަސައްކަތްކުރާ، ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކުގައި ޝާމިލްވާ ފަރާތްތައް އަންހެން ފުޓުބޯޅަ ކުޅުންތެރިންނާއިމެދު 2014 އާއި 2020 އާއި ދެމެދު ހިންގާފައިިވާ ޖިންސީ ފުރައްސާރައިގެ އަމަލްތައް ތަހުގީގު ކުރުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކެއް. ޖީން-ބާޓް ފިޔަވައި ތުހުމަތު ކުރެވޭ އެހެނިހެން އޮފިޝަލުންގެ ތަހުގީގުތައް އަދިވެސް ދަނީ ކުރިޔަށް" މިބަޔާނުގައި ފީފާއިން ބުނެފައި ވެއެވެ.

ޖީން-ބާޓްގެ މައްސަލައިގެ އަޑޫއެހުންތައް ކުރިޔަށް ދަނިކޮށް، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވީ ކުޅުންތެރިންނަށް އިންސާފު ހޯދާދިނުމަށް މުޒާހަރާ ކުރަނީ

ހެއިޓީގެ ފުޓުބޯލަ ފެޑެރޭޝަންގެ ރައީސް ޖީން-ބާޓްގެ ތަރުޖަމާން އީވާން ނިއަރމޭން ބުނެފައިވަނީ ފީފާގެ މިނިންމުން ޖީން-ބާޓްގެ ފަރާތުން އިސްތިއުނާފް ކުރާނެ ކަމުގައެވެ. އޭނާ ބުނެފައިވަނީ ހެއިޓީގެ ކޯޓުތަކުން މިމައްސަލާގައި ޖީން-ބާޓްގެ ކުށެއްނެތްކަމަށް ނިންމާފައިވާއިރު، ޖީން-ބާޓްއާއި ދެކޮޅަށް ފީފާއިން މިފަދަ ހަރުކަށި ފިޔަވަޅެއް އަޅާފައި މިވަނީ ޖީން-ބާޓްގެ ފަރާތުން ހުށަހެޅި ހެކިތަކަށާއި ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމެއް ނެތި، ބޭއިންސާފުން، ސިޔާސީ މަގުސަދެެއް ހާސިލް ކުރުމުގެ ބޭނުމުގައި ކަމުގައެވެ.

ޖީން-ބާޓްގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ހެއިޓީގެ ކޯޓައްވެސް ހުށަހެޅުނެވެ. އެހެންނަމަވެސް ހެއިޓީގެ ކޯޓުގެ ފަނޑިޔާރު އެމިލިއޯ އެސިމީ ވަނީ އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ މައްސަލަ އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނިންމާފައެވެ. ހެއިޓީ ކޯޓުގެ ފަޑިޔާރު ބުނެފައިވާ ގޮތުގައި ޖީން-ބާޓްގެ މައްސަލަ ތަހުގީގުކުރި ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުގައި ބުނެފައިވަނީ ޖީން-ބާޓް ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ އެއްވެސް ހެއްކެއް ފުލުހުންގެ ތަހުގީގުތަކަށް ފެނިފައި ނުވާ ކަމުގައެވެ.

އެހެންނަމަވެސް، ޖިންސީ ފުރައްސާރަ ކުރެވުނު ކުދިންގެ ލޯޔަރުން ހެއިޓީގެ ކޯޓަށް ޖިންސީ ފުރައްސާރައާއި ގުޅުންހުރި ގިނަ ހެކިތަކެއް ހުށަހަޅާފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހެއިޓީގައި ހުންނަ އެމެރިކާގެ އެމްބަސީއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖީން-ބާޓް، އަންހެން ފުޓުބޯޅަ ކުޅުންތެރިންނަށާއި އަދި ކުޑަކުދިންނަށްވެސް ޖިންސީ ފުރައްސާރަ ކުރިކަމުގެ އެތައް ހެއްކެއް ފީފާގެ ތަހުގީގަށް ސާބިތުވެފައި ވާއިރު، ހެއިޓީގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ތަހުގީގަށް މިފަދަ އެއްވެސް ހެއްކެއް ފެނިފަައި ނުވާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *