ތިލަމާލެ ބްރިޖުގެ ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް ފަށައިފިއެވެ.
އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައިވާ ތިލަމާލެ ބްރިޖު މަޝްރޫއަކީ ރާއްޖޭގައި މި ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ޓެސްޓް ޕައިލް ތަކުގެ ތެރެއިން ޓެސްޓް ޕައިލް TP01ގެ ކޮންކްރީޓް މަސައްކަތްވަނީ ފެށިފައިކަމަށެވެ. މި މަސައްކަތަށް ދެ "ފްލޯޓިންގް ބެޗިންގް ޕްލާންޓް" ދަނީ ބޭނުންކުރަމުން ކަމަށެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ޓެސްޓް ޕައިލް ތަކުގެ ތެރެއިން ޓެސްޓް ޕައިލް TP01ގެ ކޮންކްރީޓް މަސައްކަތްވަނީ ފެށިފައެވެ. މި މަސައްކަތަށް ދެ "ފްލޯޓިންގް ބެޗިންގް ޕްލާންޓް" ދަނީ ބޭނުންކުރަމުންނެވެ. pic.twitter.com/uqwLtOYyKi
— Min.of National Planning, Housing & Infrastructure (@MoNPHImv) November 9, 2022
ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ޝެޑިއުލްކޮށްފައި އޮތީ މުހިއްމު ދެ ތާރީހެއްގައި މަސައްކަތުގެ ބޮޑު ބައެއް ނިންމާށެވެ. ފުރަތަމަ އޮތީ މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު ގުޅާލުމެވެ. އަންނަ އަހަރު ނިމޭއިރު މާލެ އިން ގުޅިފަޅަށް ގުޅާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ. ކޮންޓްރެކްޓަރާއެކު އެއްބަސްވެފައި އޮތީ އަންނަ އަހަރުގެ ޖުލައި 26 އަށް އެކަން ނިންމުމަށެވެ. އޭގެ ފަހުން މެއި 2024 އަށް ބްރިޖު ތިލަފުއްޓަށް ގުޅާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ތިލަމާލެ ބްރިޖަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަަރައްގީ ކުރުން ވެސް ހިމެނޭ ބޮޑު ޕްރޮޖެކްޓެއްގެ އެއްބައެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދާ މި ބްރިޖުގެ ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލެއާ ގުޅުވައިލާނެއެވެ.
ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.