އެމެރިކާގެ މަޝްހޫރު މިއުޒިޝަނެއް ކަމަށްވާ އެރޮން ކާޓާ މަރުވެއްޖެ އެވެ.
މަރުވި އިރު އޭނާގެ އުމުރަކީ 34 އަހަރެވެ.
އެރޮން ކާޓާ އަކީ ކުރީގެ މަޝްހޫރު ބޭންޑް ބެކްސްޓްރީޓް ބޯއީސްގެ މެންބަރު ނިކް ކާޓާގެ ކޮއްކޮއެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ކެލިފޯނިއާގައި އޭނާ ދިރިއުޅޭ ގޭގެ ބާތު ޓަބްގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް އޭނާ މަރުވި ސީދާ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެރޮން މަރުވެފައި އޮއްވައި ފެނުނީ ހޮނިހިރު ދުވަހު ހެނދުނު، ގޭގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓެއް ލިބިގެން ގޮސް ބެލި އިރު ކަމަށް ފުލުހުން ބުނެއެވެ.
އެރޮން އަކީ ރާއްޖޭގެ ކުރެހުންތެރިއެއް ކަމަށްވާ އަލީ ޝިމްހާގްގެ ޑިޖިޓަލް ކުރެހުމެއް ވަގަށް ނަގައި ބޭނުންކުރި މައްސަލާގައި ދިވެހިންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ފަރާތެކެވެ. ސިންގާއެއްގެ މޫނު ސިފަކޮށްދޭ ގޮތަށް ޝިމްހާގު ކުރަހާފައިވާ ޑިޖިޓަލް ކުރެހުން އޭނާގެ ފޭސްބުކް ޕޭޖް، ޑިޖިޓަލް ކެމިސްޓް އާޓްސްއަށް ލާފައި ވަނިކޮށް އެރޮން އެ ކުރެހުން ނަގައި ބޭނުންކުރީ ސެޕްޓެމްބަރު، 2019 ގަ އެވެ.
މި ކުރެހުމުގެ މައްސަލާގައި ދައުވާކޮށް ދެ އަހަރު ދުވަސް ވަންދެން ކުރި މަސައްކަތުން ވަނީ މާލީ ބަދަލު ހޯދުމުގެ ދައުވާ އެމެރިކާގެ ނިއު ޔޯކްގެ ކޯޓެއްގައި މިދިޔަ އޭޕްރީލް މަހު ޝިމްހާގަށް ކާމިޔާބުވެފަ އެވެ. އެރޮންގެ މައްޗަށް ޝިމްހާގް ކުރި ދައުވާ އަކީ ރާއްޖޭން ބޭރުގެ ކޯޓެއްގައި ކުރި މިފަދަ ދައުވާއެއް ކާމިޔާބުވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ކޮމެންޓު ފޮނުވާ