ރަޝިއާއަށް އިރާނުން ޑްރޯން ވިއްކާފައިވާކަމަށް ފުރަތަމަ ފަހަރަށް އެގައުމުން އެއްބަސް ވެއްޖެއެވެ. އެހެންނަމަވެސް އިރާނުން ބުނެފައިވަނީ އެގައުމުން ރަޝިއާއަށް ހަނގުރާމަމަތީ ޑްރޯން ވިއްކާފައިވަނީ ޔޫކުރެއިން ހަނގުރާމައިގެ އެތައް މަހެއް ކުރިން ކަމުގައެވެ.
ހޮނިހިރު ދުވަހު ތެހެރާންގައި އޮތް އިވެންޓަކަށްފަހު އިރާންގެ ފޮރިން މިނިސްޓަރު ވަނީ، ޔޫކުރެއިންއަށް އަރައިގަތުމަށް ރަޝިއާއިން ވަމުންދިޔަ ތައްޔާރީތަކަށް އިރާނުން އެގައުމުގެ ޑްރޯން ރަޝިއާއަށް ސަޕްލައި ކޮށްދީފައިވާކަމަށް ކުރަމުންދާ ތުހުމަތަކާއި، ބިމުން ވަޔަށް ފޮނުވާ މިސައިލްތައްވެސް މިހާރު ރަޝިއާއަށް ދިއުމުގެ މަގުމަތީގައިވާކަމަށް ކުރަމުންދާ ތުހުމަތުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެެވެ.
މިސައިލް ފޯރުކޮށް ދެމުންދާކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް. އެހެންނަމަވެސް ޑްރޯންއާއި ގުޅޭގޮތުން ދައްކަނީ ރަގަޅު ވާހަކަތަކެއް. ރަޝިއާއަށް ވަކި އަދަދަކަށް އަހަރެމެން ޑްރޯން ފޯރުކޮށް ދީފައިވަނީ ހަނގުރާމަ ފެށުމުގެ އެތައް މަސްތަކެއް ކުރިން.
އިރާންގެ ފޮރިން މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
މީގެ ކުރިން އިރާނުންވަނީ އެތައް ފަހަރެއްގެމަތިން، ތެހެރާން ރަޝިއާއާއި ދިފާއީ ގުޅުންތައް ބާއްވަމުންދާކަމަށް ބުނެފައެވެ. އެހެންނަމަވެސް، "ޔޫކުރެއިން ހަނގުރާމާގައި ބޭނުން ކުރުމަށް ރަޝިއާއަށް ހަތިޔާރު ފޯރުކޮށް ދީފައި ނުވާނެ" ކަމަށްވެސް އިރާނުން ބުނެފައި ވެއެވެ.
އިރާނުގެ ފޮރިން މިނިސްޓަރު ހޮނިހިރުދުވަހު ވަނީ، އެގައުމުން ހިގަމުންދާ ޔޫކުރެއިން ހަގުރާމާގައި އެއްވެސް އަތަކަށް ތާއީދު ނުކުރާ ކަމަށާއި އަދި ޔޫކުރެއިންއާއި ވާހަކަދައްކަން ތައްޔާރަށް އޮތްކަމަށް ބުނަމުންދާ ބުނުން ތަކުރާރު ކޮށްފައެވެ.
އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ވަނީ، އިރާނުގެ ގިނަ މުވައްސަސާތަކާއި އަދި ވަކިވަކި ފަރުދުންނަށްވެސް އެގައުމުގެ ޑްރޯން ރަޝިއާއަށް ފޯރިކޮށްދީފައިވާތީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި ޔޫކުރެއިންވަނީ އިރާން ކުއްވެރިކޮށް، އެގައުމުން އިރާނާއެކު ބާއްވަމުން އަންނަ ސިޔާސީ ގުޅުންތަކުގެ ދާއިރާ ހަނިކޮށްފައެވެ.
ކޮމެންޓު ފޮނުވާ