ގައުމުން ބޭރުގައި އުޅޭތާ ތިން އަހަރު ފަހުން ބޮލިވުޑް/ ހޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ މީގެ ދެދުވަހެއް ކުރިން ވަނީ އިންޑިއާއަށް ގޮސްފައިއެވެ. އޭނާ އިންޑިއާއަށް ދާކަން އެނގުމާއި އެކުގައި އެއާޕޯޓްއަށްވެސް ގިނަ ބަޔަކު ވަނީ ގޮސްފައިއެވެ.
ތިން އަހަރުގެ ދިގު މުއަދަތަކަށްފަހު ޕްރިޔަންކާ އިންޑިއާއަށް ގޮސްފައި މިވަނީ ވިޔަފާރީގެ ކަންތަށްތަކެއް ކުރުމަށެވެ. އަދި ހަމަ އެއާއި އެކުގައި މި ދަތުރުގައި އޭނާ ދެ ޑައިރެކްޓަރަކާއި ވެސް ބައްދަލު ކުރާނެއެވެ.
2018 ވަނަ އަަހަރު ލަވަކިޔުންތެރިއާ/ އެކްޓަރު ނިކް ޖޯނަސް އާއި ކައިވެނި ކުރުމުގެ ކުރިންވެސް ޕްރިޔަންކާ އުޅެމުން އައީ އެމެރިކާގެ ލޮސްއެންޖަލިސް ގައިއެވެ. އަދި އޭނާ އިންޑިއާ އަށް ނުދާތާ ބަރާބަރު 3 އަހަރު ފަހުން އިންޑިއާއަށް ދިއައީ ދަރިއަކު ވެސް ލިބުން ފަހުންނެވެ. ސަރޮގަސީކޮށްގެން ޕްރިޔަންކާ އަށް ވަނީ އަންހެން ކުއްޖަކު ލިބިފައިއެވެ.
ބައެއް ރިޕޯޓްތަކުން ބުނާގޮތުގައި ޕްރިޔަންކާގެ މި ދަތުރުގައި ދަރިފުޅު މާލްތީވެސް ގެންދިއައއެވެ. އެއީ އެކުއްޖާ އިންޑިއާއަށް ކުރި ފުރަތަމަ ދަތުރެވެ. ނަމަވެސް ނިކް އެއް މިދަތުރުުގައި ބައިވެރިއެއް ނުވެއެވެ.
މި ދަތުރުގައި ޕާސަނަލް ހައިޖީން އާއި ކޮސްމެޓިކްސް އުފައްދާ ވަރަށް ނަން މަޝްހޫރު ބްރޭންޑަކާ ގުޅިގެން އަމިއްލަ ޝޭމްޕޫ ބްރޭންޑެއް ލޯންޗުކުރަން ހަމަޖެހިފައި ވެއެވެ. އޭނާ މިހާރު ވެސް އަންނަނީ އަމިއްލަ ކޮސްމެޓިކް ބެރޭންޑެއް ހިންގަމުންނެވެ.
އޭގެ އިތުރުން އޭނާ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އާއި ވިޝާލް ބަރްދްވާޖް އާއި ބައަދަލު ކުރާނެ ކަމަށްވެއެވެ. ބާންސާލީ އާއެކު ޕްރިޔަންކާ ވަނީ "ބާޖީރާއޯ މަސްތާނީ"ގައި މަސައްކަތް ކޮށްފަ އެވެ. އަދި ވިޝާލް އާއެކު "ސާތު ޚޫން މާފް" "ކަމީނޭ"ގައި މަސައްކަތް ކޮށްފައި ވެއެވެ.
ޕްރިޔަންކާ ކުޅެން އެއްބަސްވެ ނުނިމި މިހާރު އޮތީ ބޮލީވުޑް އެންމެ ފިލްމެކެވެ. އެއީ ކެޓުރީނާ ކައިފް އާއި އާލިއާ ބަޓް އާއެކު ކުޅެން ހަމަޖެހިފައިވާ "ޖީ ލޭ ޒަރާ" އެވެ. އެ ފިލްމް އަކީ ފަރްހާން އަހްތަރް ޑައިރެކްޓް ކުރާ ރޯޑް ޓްރިޕް ފިލްމްއެކެވެ.
ކޮމެންޓު ފޮނުވާ