އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސާ ނާންސީ ޕެލޮސީގެ ފިރިކަލުން ޕައުލް ޕެލޯސީއަށް މީހަކު މަރުތޭލަކުން ހަމަލާ ދިނުމުގެ ސަބަބުން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އުމުުރުން 82 އަހަރުގެ ޕައުލް ޕެލޯސީއަށް ހަމަލާދީފައިވަނީ އޭނާ ދިރިއުޅުއްވާ ގެއަށް ވަދެގަނެގެންނެވެ. ނާންސީ ޕެލޯސީގެ ފަރާތުން ތަރުޖަމާނަކާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕައުލް ޕެލޯސީއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންކަށާއި އަދި ހާލުކޮޅު ރަގަޅުވަމުން ދާކަމުގައެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕައުލް ޕެލޯސީއަށް ހަމަލާދިން މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ވަނަވަރާއި ހަމަލާ ދިން ސަބަބެއް ފުލުހުން ހާމަ ކޮށްފައެއް ނުވައެވެ.
މިހަމަލާ ދިންއިރު، ސެން ފްރެންސިސްކޯގައި ހުންނަ އެގޭގައި ނާންސީ ޕެލޯސީ ނޫޅުއްވައެވެ.
"ގާނޫނުހަދާ މަޖިލިހުގެ ރައީސާއާއި އާއިލާއިން، އަވަސް ފަރުވާ ދޭ ފަރާތްތަކާއި ސިއްޙީ އެހީތެއިންނަށް ވަރަށް ބޮޑަށް ޝުކުރުވެރި ވޭ. އަދި އެދިވަޑައިގަންނަވަނީ މިވަގުތު، އެޕޭފުޅުންގެ ޕްރައިވަސީއަށް އިހުތިރާމް ކުރުމަށް،" ޕެލޯސީގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ.
ސީބީއެސް ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ އެގޭގެ ގޯތިތެރެއަށް ވަނުމަށް ދޮރު ހަލާކު ކޮށްލުމަށް ބޭނުންކޮށްފައިވަނީ މަރުތޭލެއް ކަމުގައެވެ.
އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައިސާ ނާންސީ ޕެލޯސީއަކީ އެމެރިކާގައި ހުރި އެންމެ ނުފޫޒުގަދަ އެއް ބޭފުޅާއެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ މަޖިލިހުގައި އޭނާ ހޭދަކުރައްވާ 4 ވަނަ ދައުރެވެ. މި ދައުރު ފެށިފައިވަނީ 2021 ވަނަ އަހަރުއެވެ. އެމެރިކާގެ ވެރިކަން މި ދައުރުގެ ތެރޭގައި ބަދަލުވާނަމަ، ނާންސީ ޕެލޯސީއަކީ، ނާއިބުރައީސް ކާމަލާ ހެރިސްއާއި ޖެހިގެން ދެން ވެރިކަން ލިބިވަޑައިގަންނާ ބޭފުޅާއެވެ.
ޕައުލް ޕެލީސާއަކީ، މިލިއަން ޑޮލަރުގެ ކުންފުންޏެއް ކަމުގައިވާ ކެޕިޓަލް ފާމްގެ ވެރިޔާއެވެ. ނާންސީ ޕެލޯސިއާއި ޕައުން ޕެލޯސީ ކައިވެނި ބައްލަވައިގެންފައިވަނީ 1963 ވަނަ އަހަރުއެވެ. ދެބޭފުޅުން 5 ކުދިން އެބަތިއްބެވެ.