ފީފާ އިން ފުޓްބޯޅައިގެ ޑޭޓާބޭސް ހަރުދަނާ ސިސްޓަމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް ތައްޔާރުކޮށްފައިވާ ފީފާ ކަނެކްޓް ޕްރޮގްރާމަށް ރާއްޖޭގެ ކްލަބްތައް އަހުލުވެރިކުރުމުގެ މަސައްކަތްތަކެއް ފަށައިފި އެވެ.
އެފްއޭއެމްގެ ޝޯ "ލެޓްސް ޓޯކް ފުޓްބޯލް"ގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ހެޑް އިސްމާއިލް ރިޔާޒް ވިދާޅުވީ ކްލަބްތަކާ އެކީގައި ބޭއްވުނު ބައްދަލުވުންތަކުގެ ތެރެއިން ފީފާ ކަނެކްޓް ސިސްޓަމް ވަރަށް ރަނގަޅަށް ކިޔައިދީފައިވާ ކަމަށާއި މީގެ ސަބަބުން ދިވެހި ފުޓްބޯޅަ އަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.
ފީފާ އިން 2015 ވަނަ އަހަރު ފެށި ކަނެކްޓް ޕްރޮގްރާމް އަކީ ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރުމަށް ފަހު ލޯންޗުކުރި ސިސްޓަމެކެވެ. މީގެ ސަބަބުން ފުޓްބޯޅަ އެސޯސިއޭޝަންތަކާއި އެ އެސޯސިއޭޝަންތަކުގެ މެމްބަރު ކްލަބްތަކުގެ ތެރޭގައި ހިމެނޭ އެކި ސްޓޭކްހޯލްޑަރުންނާ ގުޅޭ މުހިއްމު މައުލޫމާތުތައް ފަސޭހަކަމާ އެކީ ރައްކާކުރެވި އެއްތާކުން ލިބެން ހުންނާނެ އެވެ.
ފީފާ އިން ކަނެކްޓް ޕްރޮގްރާމް ފެށި އެންމެ ބޮޑު މަގުސަދަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓާ ގުޅޭ މަސައްކަތްތަކުގައި ވީ އެންމެ ބޮޑަކަށް ފަސޭހަކޮށްފައި ބޭއްވުމަށްޓަކައެވެ.
މީގެ ކުރިން ވެސް އެފްއޭއެމުން ވަނީ ފީފާ ކަނެކްޓް ޑޭޓާބޭސް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަން ރާވައިފަ އެވެ. އެކަމަކު އެ ފަހަރު އެ މަސައްކަތް އެހާ ފުޅާކޮށް ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތުމަށް ފަހު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމުތައް ފީފާ ކަނެކްޓް އަށް އަހުލުވެރިކުރުމުގެ ގޮތުން މިހާތަނަށް ވަނީ ދެ ބައްދަލުވުމެއް ކްލަބްތަކާ އެކީ ބާއްވައިފަ އެވެ.