މިހާރު ކުރިމަތިވެގެން އުޅޭ ފޯޅަވަހީގެ މައްސަލާގައި ދައުލަތުގެ ބަންޑާރަނައިބު އަޒުލުކުރަން ޖެހޭ ކަމުގައި ޕީޕިއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.
ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު އެއަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން އެރަށުގައި ބޭއްވުނު ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ނުބައިކޮށް ގާނޫނީ ލަފާ ދެއްވަމުން ގެންދަވަނީ ދައުލަތުގެ ބަންޑާރަނައިބު ކަމުގައެވެ.
ބަންޑާރަނައިބު މި ނުބައި ލަފާ ދީގެން އުޅެނީ. އެއީ ބަންޑާރަނައިބު ބުނެފި ރައީސުލްޖުމްހޫރިއްޔާ ނުޖެހޭއޭ ޚާރިޖީ ސިޔާސަތުގެ ކަންކަން ކަނޑައަޅާއިރު ރައްޔިޔުންގެ މަޖިލިހަށް ދާކަށް. ބަންޑާރަނައިބު މިއުޅެނީ ނުބައި ލަފައެއް ދީގެން. އެހެންވީމަ އަޅުގަޑު ދަންނަވާ ވާހަކައަކީ ދުނިޔޭގެ އެހެން ތަންތަނުގަ، ޑިމޮކްރަސީގެ ނަމޫނާ ތަނެއް މީ، މިވަރުގެ ކަމެއް ކޮށްފިއްޔާ އޭނަ އަމިއްލައަށް އިސްތިއުފާ ދޭނެ. މިހާރު އިސްތިއުފާ ނުދޭކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް މި ދަންނަވަނީ އަޒުލު ކުރާށޭ. ބަންޑާރަނައިބު އަޒުކުރަން އެބަޖެހޭ، ރައީސުލްޖުމްހޫރިއްޔާއަށް ނުބައި ލަފާދޭތީ.
ފޯޅަވަހީގެ މައްސަލާގައި، ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކާލާފައިވާކަމަށް ވިދާޅުވަމުން ޔާމިން ވިދާޅުވެފައި ވެއެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ ބަންޑާރަނައިބު އަޒުލުކުރާ ހިސާބުން ކަން ހިގައިދިޔަގޮތް ބަންޑާރަނައިބުވެސް ކިޔައިދޭނެ ކަމަށާއި، ބައިއެޅިގެންދިޔަ މީހުންނާއީ، ޚުދު ބަންޑާރަނައިބަށްވެސް އެއްޗެއް ލިބުނުތޯ ނުވަތަ ނޫންތޯ އެހާތަނުން ކިޔައިދޭނެ ކަމުގައެވެ.
އަދި އޭގެ އިތުރުން ޔާމިންވަނީ މިމައްސަލާގައި ޚާރިޖީ ވަޒީރު ކޮބައިތޯވެސް ސުވާލު ކުރައްވާފައެވެ.
ކޮބައިތޯ ޚާރިޖީ ވަޒީރު؟.. އަދިވެސް ދުނިޔޭގެ ރައީސްކަން ކުރައްވަނީތޯ؟.. ޚާރިޖީވަޒީރު މަންމަންވެފަ މި ހުންނަނީ ކީއްވެގެންތޯ މިމައްސަލާގަ؟
ޔާމިން ވިދާޅުވީ މިއްސަލާގައި ބަންޑާރަނާއިބާ، ޚާރިޖީވަޒީރާއި ރައީސުލްޖުމްހުރިއްޔާގެ އިތުރުން މާރިޔާވެސް ހިމެނޭނެ ކަމުގައެވެ.
ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، އަމާޒުވަމުންދާ ފާޑިކިއުންތަކަށް ރައްދުދެމުން ސަރުކާރުން ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ނިންމާފައި ނުވާނެކަމަށާއި، އެކަން މޮރިޝަސްއަށްވެސް އަންގާފައި ވާނެކަމަށެވެ. އަދި މޮރިޝަސްގެ މިނިވަންކަމުގެ މައްސަލައަކީ އެގައުމާއި އިނގިރޭސިންނާ ދެމެދު އޮތް މައްސަލައެއް ކަމަށާއި، އެއީ ދިވެހިރާއްޖެއާއި ބެހޭ މައްސަލައެއް ނޫންކަމަށްވެސް ސަރުކާރުން ވިދާޅުވެފައި ވެއެވެ.