އިންޑިއާގައި ފާހަގަ ކުރާ އެންމެ ބޮޑު ފެސްޓިވަލް ކަމުގައިވާ ދިވާލީ ފާހަގަކުރުމަށް ބޮލީވުޑް ތަރިން އަންނަނީ ޕާޓީ ބާއްވަމުންނެވެ. ގިނަ ތަރިންތަކެއް ވަނީ މިހާތަނަށް ޕާޓީ ބާއްވާފައެވެ. މިމަހުގެ 24 ވަނަ ދުވަހަކީ ދިވާލީއެވެ.
ހޯމަ ދުވަހު ވަނީ ދިވާލީ ފާހަގަ ކުރުމަށް ސޯނަމް ކަޕޫރު ބޮލީވުޑް އިންޑަސްޓްރީގެ އެކި ފަންތީގެ މީހުން ޝާމިލްވާގޮތަށް ޕާޓީއެއް ދީފައެވެ. ފެޝަނިސްޓާގެ ގޮތުގައި މަޝްހޫރު ސޯނަމްގެ މިއަހަރުގެ މި ދިވާލީ އަކީ އޭނާގެ އަލަތު ދަރިފުޅު ލިބުނު ފަހުން ފާހަގަ ކުރާ ފުރަތަމަ ދިވާލިއެވެ.
ސޯނަމާއި އާނަންދަށް އެމީހުންގެ އަލަތު ދަރިފުޅު ލިބިފައިވަނީ މިއަަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދެމަފިރިންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.
ސޯނަމްގެ ޕާޓީގައި ގިނަ ތަރިންތަކެއް ބައިވެރި ވެފައި ވާއިރު އެންމެންގެ ލޮލުގައި ވެސް އަޅައިގަތީ އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ޖޯޑެވެ. މި ދެމީހުން އެ ޕާޓީއަށް ދިއައީ އަތާއި އަތް ޖޯޑުކޮށްގެނެވެ.
އާންމުކޮން މި ދެތަރިންނަކީ މިފަދަ ގޮތަކަށް ޕާޓީ ތަކަށް ގޮސްއުޅޭ ބައެއް ނޫން ކަމުން އެންމެންގެ ލޮލުގައިވެސް މިކަން ވަނީ އަޅައިގެންފައެވެ. 2019 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މިދެމީހުން އިއުލާން ކުރުމާއި އެކުގައި ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ. ސަބަބަކީ އަރުޖުން މަލައިކާ އަށް ވުރެ މާ ހަގު ވުމެވެ. އެދެމެދުގައި 12 އަހަރުގެ ފަރަގެއް ހުރެއެވެ.
ނަމަވެސް މީހުން ކިޔާ އެއްޗަކަށް އެމީހުން ނުބަލައެވެ. ދެމިހުން އެކި ގައުމު ތަކުގައި ޗުއްޓީ ހޭދަކުރުމާއި އެކަކު އަނެއްކަކާއި އެކުގައި ވަގުތު ހޭދަކުރުން ވަރަށް އާންމެވެ. ނަމަވެސް މިފަދަ ގޮތަކަށް ޕާޓީއަށް ދިއުން މިއީ އެމީހުން މީގެ ކުރިން ކުރި ކަމެއް ނޫނެވެ.
އަރްޖުން އާއި ރައްޓެހި ވުމުގެ ކުރިން މަލައިކާ ވަނީ ކައިވެންޏެއް ކޮށްފައެވެ. ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާނާއި މަލައިކާގެ ކައިވެނި ރޫޅުނީ 2017 ވަނަ އަހަރުއެވެ. ކައިވެންޏަށް 19 އަހަރުގައި ކައިވެނި ރޫޅާލި އިރުގައި އެކައިވެނިން އެމީހުނަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައެވެ. އެއީ މިހާރު އުމުރުން 19 އަހަރުގެ އަރްހާން ޚާނެވެ.