ފިލްމްގެ ބައެއް ޝޫޓް ކުރިފަހުން ފިލްމް އަކުން ބޭރުކޮށްލި ކަމަށް ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ހިމެނާ ކެޓްރިނާ ކައިފް ބުނެފިއެވެ.
އޭނާގެ ކެރިއަރުގެ ކުރީކޮޅުގައި ދިމާވި މި ހާދިސާގެ ސަބަބުން ކުރިއަށް ދެވޭނެކަމުގެ އުންމީދު ވެސް ކަނޑާލި ކަމަށާއި އަދި ވަރަށް ދެރަވި ކަމަށް އޭނާ ވަނީ ބުނެފައެވެ.
"ފޯން ބޫތު" ގެ ޕްރޮމޯޝަންގެ ތެރެއިން ބޮލީވުޑް ބަބްލް އަށް ދިން އިންޓަވިއުއެއްގައި 39 އަހަރުގެ ތީރި ބަތަލާ ބުނީ އަނޫރާގު ބާސޫގެ 'ސާޔާ' ކިޔާ ފިލްމުން އޭނާ އަށް ފުރުސަތު ދިނުމަށް ފަހު އެ ފިލްމުގެ އެއް މަންޒަރު ނެގި ފަހުން ފިލްމުން ބޭރުކޮށްލާ، އޭނާގެ ރޯލަށް އެހެން މީހަކު ހަމަޖެއްސި ކަމަށެވެ.
އެ ފިލްމުގައި ޖޯން އަބްރަހަމާއެކު ލީޑުން ފެނުނީ ތާރާ ޝަރުމާ އާއި މަހިމާ ޗޯދްރީއެވެ. 2003 ވަނަ އަހަރުގެ މި ފިލްމަކީ ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބެއް ހޯދުނު ފިލްމެއް ނޫނެވެ.
ނަމަވެސް ކެޓްރީނާ ވަނީ އަނޫރާގް ބާސޫ އާއި އެކުގައި 2016 ގެ "ޖައްގާ ޖާސޫސް" ކިޔާ ފިލްމެއް ގައި މަސައްކަތް ކޮށްފައެވެ. އެ ފިލްްމު ގައި އޭނާ ފެނިގެންގެން ދިއައީ އޭރުގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއި އެކުގައެވެ.
ކެޓްރީނާ އެންމެ ފުރަތަމަ ބޮލީވުޑަށް ނުކުތް އިރު ހިންދީ ބަހުން ވާހަކަ ދައްކާކަށް ވެސް ނޭނގެއެވެ. އެއީ އޭނާއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި ހަމަ އެއާއި އެކުގައި އޭނާ އަށް އެކްޓް ކުރަން ނޭގޭ ކަމަށް ބުނެ ވަރަށް މަލާމާތް ވެސް ރައްދު ވިއެވެ.
ކެޓްރީނާގެ ފުރަތަމަ ފިލްމަކީ އަމީތާބް ބައްޗަން ވެސް ރޯލެއް ކުޅުނު 2003 ގެ ބްލެކް ކޮމެޑީ ތުރިލާ "ބޫމް" އެވެ. ކެޓްރީނާ ވިދާލީ ސަލްމާން ޚާނާ އެކު ކުޅުނު 2005 ގެ "މޭނޭ ޕިޔާރު ކިޔު ކިއާ" އަށް ފަހުއެވެ.
ނަމަވެސް އޭނާ އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް ފަންނާނެވެ. އޭނާ އެންމެ އަވަހަށް ދެން ފެނިގެންދާނީ ހޮރޯ ކޮމެޑި "ފޯން ބޫތު" އިން ޒުވާން ދެ ތަރިން ކަކުގައިވާ ސިދާންތު ޗަތުރުވޭދީ އާއި އިޝާން ޚައްޓަރާއެކުގައެވެ.
ކެޓްރީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ، އަދި ސަލްމާނާ އެކީ ކުޅެފައިވާ "ޓައިގާ 3″ ހިމެނެ އެވެ.