ޔޫކުރެއިންގެ ކަންރަންޓު އުފައްދާ ކާރުޚާނާތަކަށް އަމާޒުކޮށް ރަޝިއާއިން މިއަދު ދިން ވަރުގަދަ ހަމަލާތަކާއެކު، އެގައުމުގެ މެދުތެރެއާއި އަދި ހުޅަނގުގެ ސަރަހައްދުތަކުން ކަރަންޓް ކެނޑި، އެތައް ލައްކަ ރައްޔިތުން ކަނު އަނދިރީގައި ތިބެން ޖެހިފައިވާކަމަށް ޔޫކުރެއިންއިނ ބުނެފިއެވެ.
7 ހަމަހަށްވުރެ ދިގުލައިގެން ގޮސްފައިވާ ޔޫކުރެއިން ހަނގުރާމާގައި، އެގައުމުގެ ދެކުނުގެ ސަރަހައްދުތައް ކަމުގައިވާ ލުހާންސްކުއާއި، ޑޮނެސްކް އަދި ޚާސޮންގައި ވަރުގަދައަށް ހަނގުރާމަ ހިގަމުންދާއިރު، ރަޝިއާއިންވަނީ ޔޫކުރެއިންގެ އެކި ސަރަހައްދުތަކަށް މިއަދުވެސް މިސައިލްއާއި ޑްރޯންއިން ވަރުގަދަ ހަމަލާތައް ދީފައެވެ. ހަމައެއާއެކު، މިހާރު އެންމެ ވަރުގަދައަށް ހަނގުރާމަ ހިގަމުންދާ ސަރަހައްދުތަކުގައި ޔޫކުރެއިންގެ ފައުޖުތައް ކުރިޔަށް ދިޔަނުދީ ހިފެހެއްޓުމަށް ރަޝިއާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަމަށްވެސް ބައިނަލްއަގުވާމީ މީޑިއާތަކުންވަނީ ރިޕޯޓު ކޮށްފައެވެ.
ޔޫކުރެއިންގެ އެއަރ ފޯރސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަޝިއާއިން އެގައުމުގެ މުހިންމު އިންފްރާސްޓަރަކްޗަރތަކަށް މިއަދުވެސް ވަރުގަދަ ހަމަލާތަކެއް ދީފައިވާކަމުގައެވެ. މިހަމަލާތައް މި ތަންތަނަށް އަމާޒުވެފައިވަނީ، މުޅި ޔޫކުރެއިންގައި އެއަރ ރެއިޑް ސައިރެންގެ އިންޒާރު އާންމުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.
ޔޫކުރެއިންގެ އެއަރ ފޯރސްއިން ބުނެފައިވަނީ، ރަޝިއާއިން އެއްގަމާއި ކަނޑުން އުދުއްސާލާފައިވާ 33 ކުރޫޒް މިސައިލްގެ ތެރެެއިން 18 ކުރޫޒުމިސައިލްއެއް އެގައުމުން އެއަރ ޑިފެންސްއިން ވައްޓާލާފައި ވާކަމުގައެވެ.
ރަޝިއާއިން ހަމަލާތައް އަމާޒު ކޮށްފައިވާ ސަރަހައްދުތަކުގެ ލޯކަލް އޮފިޝަލުން ވިދާޅުވެފައިވަނީ، އެ ސަރަހައްދުތަކުގެ ހަކަތައް އުފައްދާ ތަންނަތަނަށް ހަމަލާތައް އަމާޒުކޮށްފައިވާއިރު، ރަޝިއާއިން ހަލާކު ކޮށްލާފައިވާ ނެޓްވާރކްތައް އަލުން އިއާދަކުރުމަށް އިންޖިނިއަރުން މަސައްކަތް ކުރަމުން ދާކަމުގައެވެ.
އަދި މި ސަރަހައްދުތަކުގެ ރައްޔިތުން، ފެނުގެ ޚިދުމަތް މެދުކެނޑިދާނެތީ ފެން ރައްކާކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ރަޝިއާއިން ހިފާފައިވާ ޔޫކުރެއިންގެ ކްރައިމިއާއާއި އެގައުމު ގުޅުވައިދޭ ބުރިޖަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން މިމަހުގެ 10 ވަނަދުވަހުން ފެށިގެން ރަޝިއާއިން ދަނީ ޔޫކުރެއިންގެ ޕަވަރ ސްޓޭޝަންތަކަށާއި، ފެން ފޯރުކޮށްދޭ ތަންތަނަށާއި، އަދި އޭގެ އިތުރުންވެސް މުހިންމު އިންފްރާސްޓްރަކްޗަރތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ޔޫކުރެއިންގެ ކަރަންޓު އުފައްދާ ޕަވަރ ސްޓޭޝަންތަކުގެ %30 ރަޝިއާގެ ހަމަލާތަކުގައި ހަލާކު ކޮށްލާފައި ވާކަމުގައެވެ.
ކޮމެންޓު ފޮނުވާ