ހާލަތު ދިރާސާ ކުރުމަށް އީޕީއޭގެ ޓީމެއް ހުޅިދޫގައި!

ހާލަތު ދިރާސާ ކުރުމަށް އީޕީއޭގެ ޓީމެއް ހުޅިދޫގައި!

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2022 12:07
0

ވ. ހުޅިދޫއަށް ލިބިފައިވާ ގެއްލުންތައް ދިރާސާ ކުރުމަށްޓަކައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭއިން އެރަށް ގޮސްފިއެވެ.

އީޕީއޭގެ ޓީމުން ހުޅިދޫގައި ކުރަމުންދާ ދިރާސާއާއި ގުޅިގެން ފޮޓޯއާއިއެކު ޓުވިޓާގައި ހިއްސާ ކުރައްވައި ވ.އަތޮޅުގެ ކައުންސިލް ރައީސް ޝުޖާއު ވިދާޅުވީ ހުޅިދޫގެ ހާލަތު ދިރާސާ ކުރުމަށް އީޕީއޭގެ ޓީމެއް މިއަދު އެރަށުގައި ހަރަކާތްތެރި ވަމުންދާކަމަށެވެ.

ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ހުޅިދޫގެ އެއްބަސްވުން ބާތިލުވެއްޖެ ކަމަށާއި އެ ރަށަށް އަތޮޅު ކައުންސިލާ ހަވާލުކުރުމަށް ގޮވާލައި ދެ ދުވަސް ވަންދެން ކުރި އިހުތިޖާޖު ނިންމާލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ހުޅިދޫގައި ކުރި އިހުތިޖާޖު ނިންމާލީ މިއަދުގެ ކުރިން ވ. އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުމާ މެދު މަޝްވަރާކޮށް، ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ދިނުމުންނެވެ.

އެ މައްސަލާގައި ސަރުކާރާ އެކު އެ އަތޮޅު ކައުންސިލުން މިހަފްތާގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި އެގްރިކަލްޗަރު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި އެންވަރަޔަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި އީޕީއޭ އާއި ރައީސް އޮފީހާއި އެލްޖީއޭގެ އިސްވެރިންނާއި އަދި އެ ރަށް ކުއްޔަށް ދޫކޮށްފައިވާ ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި މާބޮޑު ކުރިއެރުންތަކެއް ނުލިބުނު ނަމަވެސް ހުޅިދޫއަށް ލިބިފައިވާ ގެއްލުންތައް ދިރާސާ ކުރުމަށް އީޕީއޭގެ ޓީމެއް އެރަށަށް ދިއުމަށް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. ވ.އަތޮޅުގެ ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކުން ނިންމާފައިވަނީ ހުޅިދޫ ރައްޔިތުންނަށް ނުލިބޭނަމަ އިހުތިޖާޖުތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދިއުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.